ސްޓްރެއިޓް އޮފް ހުރްމުޒް ސަރަޙައްދުން ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރިއްޔާގެ އިންސާނުންނާ ނުލައި ދުއްވާ ޑްރޯން ސަބްމެރިންއެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަނެއްކާވެސް އަތުލައިގަނެފިއެވެ. މިއީ މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި އީރާނުން އަތުލައިގަތް އެމެރިކާގެ ދެވަނަ ސަބްމެރިން އެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންމެ ފަހުން އަތުލައިގަނެވުނު ސަބްމެރިންއަކީ އެމެރިކާ ނޭވީއިން ބޭނުންކުރާ "ރީމަސް 600" މޮޑެލްގެ ޒަމާނީ ކަނޑުއަޑީގެ ޑްރޯންއެކެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، މި ސަބްމެރިން އަތުލައިގަނެފައިވަނީ އެގައުމުގެ އިލެކްޓްރޯނިކް ވޯފެއާ ސިސްޓަމްތައް ބޭނުންކޮށްގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުން ބުނެފައިވަނީ މިއީ އެގައުމުގެ ޖާސޫސީ އަދި ޓެކްނޮލޮޖީގެ ކުރިއެރުން ދައްކުވައިދޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މީގެ ކުރިން މި ހިނގާ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުވެސް އީރާނުން ވަނީ އެމެރިކާގެ "ޑައިވް-އެލްޑީ" މޮޑެލްގެ ސަބްމެރިންއެއް އެ ސަރަހައްދުން ހިފަހައްޓާފައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޕެންޓަގަނުން ބުނެފައިވަނީ، އެ ސަބްމެރިންތަކަކީ ކަނޑުގެ ސަރަހައްދު ދިރާސާކުރުމަށް ބޭނުންކުރާ އުޅަނދުތަކެއް ކަމަށާއި، އޭގެ ތެރެއިން ބައެއް އުޅަނދުތައް އަތުލައިގަނެވުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަނޑުމަތީގައި އޮޔާދަނިކޮށް ކަމަށެވެ. މި ހާދިސާތަކުގެ ސަބަބުން މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި އެމެރިކާ އާއި އީރާނާ ދެމެދު އޮތް އަސްކަރީ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބައިނަލްއަގުވާމީ މާހިރުން ލަފާކުރެއެވެ.