ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ހިތާބުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ހަރުދަނާ، ދެމެހެއްޓެނެވި އަދި މުސްތަގުބަލަށް ފުރިހަމައަށް ތައްޔާރުވެފައިވާ ސިނާއަތަކަށް ހެދުމަށް ވެވަޑައިގެންފައިވާ ވައުދު އާކުރައްވައިފިއެވެ.
މިއަހަރުގެ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުންދަނީ "ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓުއަރިޒަމް" މި ޝިއާރުގެ މައްޗަށެވެ. އެމަނިކުފާނުގެ ހިތާބުގައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ މަންޒިލަކަށް ހެދުމުގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި ވިޔަފާރިވެރިން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި، އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ޒަމާނީ ޑިޖިޓަލް ޓެކުނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒަރު ވަރަށް ބޮޑަށް ބަދަލުވަމުންދެއެވެ. ހާއްސަކޮށް ފަތުރުވެރިން މަންޒިލްތައް ހޯދުމާއި، ދަތުރުތައް ރޭވުމާއި، އަދި އެކި ތަޖުރިބާތައް ހޯދާގޮތް މިހާރު ދަނީ މުޅިންހެން ބަދަލުވަމުންނެވެ. މި ބަދަލުތަކާއެކު ފަތުރުވެރިންނާ ގުޅުން ބަދަހިކުރުމަށާއި ހިދުމަތްތައް ރަނގަޅުކުރުމަށް އައު ފުރުސަތުތަކެއް ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ކިބައިގައިވާ ހޫނު މެހެމާންދާރީއަށް އެއްވެސް އުނިކަމެއް ނުލިބޭނެހެން ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޓެކްނޮލޮޖީއަކީ ދިވެހި މެހެމާންދާރީގެ މައިގަނޑު ރޫހުކަމަށްވާ އިންސާނީ ލޯތްބާއި ގާތްކަން ބަދަލުކުރާ އެއްޗަކަށްވުމުގެ ބަދަލުގައި، އެކަންކަން އިތުރަށް ފުރިހަމަކޮށްދީ ކުރިއަރުވައިދޭ ވަސީލަތަކަށްވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ވާދަވެރި މާކެޓުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށްޓަކައި، ޑިޖިޓަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކުރުމަށް އިންވެސްޓްކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މީހުން ބިނާކުރުމާއި، އައު އީޖާދުތައް ގެނައުމާއި، ގުޅިގެން މަސައްކަތްކުރުމަކީ މުސްތަގުބަލުގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެޅޭނެ އެންމެ މުހިންމު ބިންގާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.









