ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި އޮންނަ، ދަނޑުވެރިކަން ކުރާ ޒަމާންވީ އަވަށެއް ކަމަށްވާ ބުރުގާ ގެ ބާކީ ހުރި މަދު ދަނޑުބިންތަކަށް އަމާޒުކޮށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ މީހުން ނުރައްކާތެރި ހަމަލާތަކެއް ދީ، އެތަން ސުންނާފަތިކޮށްލައިފިއެވެ.
ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިޒުރޭލު ރައްޔިތުންގެ ބޮޑު ގްރޫޕަކުން ބުރުގާ އަވަށުގެ ރައްޔިތުން ދިރިއުޅޭ ގެތަކާ ކައިރީގައި ހުރި ދަނޑުބިންތަކުގައި ވަނީ ހުޅުޖަހާފައި ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާވަފާ އިން ބުނެއެވެ. މި އަލިފާނުގެ ހާދިސާގައި، އެ އަވަށުގެ ރައްޔިތުންގެ ޒިިންދަގީއާ ގުޅިފައިވާ އެތައް އަހަރެއްވީ ޒައިތޫނި ގަސްތަކާއި ގޮވާންތައް ވަނީ އެއްކޮށް އަޅިޔަށް ވެގެން ގޮސްފައެވެ.
މީގެ އިތުރުން ދަނޑުބިންތަކުގައި އަލިފާން ރޯކުރުމުގެ ކުރިންނާއި ފަހުންވެސް، މޫނު ނިވާކޮށްގެން ތިބި އިޒުރޭލުގެ ބަޔަކު ވަނީ ހަތިޔާރާއެކު އެ އަވަށުގެ އާންމު ރައްޔިތުންގެ ގެތަކަށް ގާ އުކައި، ބަޑިން ހަމަލާދީ ބިރުދައްކާފައެވެ. އަދި އެ އަވަށުގައި ތިބި ގެރިބަކަރިތައް ފޭރިގަނެ، ބާކީ ހުރި ގަސްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
އިޒުރޭލުން މިފަދަ ކަންކަން ހިންގަނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަސީލަތްތައް ހަލާކުކޮށްލައިގެން، މަޑުމަޑުން އެމީހުންގެ އަމިއްލަ ވަޒަނުން ފައްސާލުމަށެވެ. މިއީ އެމީހުން ހިންގާ ނިޒާމީ ރޭވުމެކެވެ.
މިހާރުވެސް ބުރުގާ އަވަށުގެ ސަރަހައްދުގެ ގާތްގަނޑަކަށް 96 އިންސައްތަ ބިން ވަނީ އިސްރާއީލުގެ މިފަދަ ޣައިރުގާނޫނީ ބާރުގެ ދަށުގައެވެ.









