ހަނގުރާމައިގެ އަސަރުކޮށްފައިވާ އީރާނުގެ އިންފްލޭޝަން ރޭޓް (ތަކެތީގެ އަގުބޮޑުވާ ނިސްބަތް) ފާއިތުވި 15 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުޑަތަންކޮޅެއް ދަށަށް ގޮސްފައިވާ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.
އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީއާ ހަވާލާދީ، ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަބްދުއްނާސިރު ހިންމަތީ ވިދާޅުވީ، އޮގަސްޓް މަހު 84.4 އިންސައްތައިގައި ހުރި އިންފްލޭޝަން ރޭޓް ސެޕްޓެމްބަރު މަހު 83.8 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
މިއީ ކުޑަ ދަށްވުމެއް ނަމަވެސް، އިންފްލޭޝަން މައްޗަށް ދިއުން ހުއްޓި، ތިރިއަށް މިސްރާބު ޖެހުމަކީ ވަރަށް މުހިންމު ކަމެއް،
ގަވަރުނަރު ވިދާޅުވިއެވެ.
އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެގައުމުގެ ބަނދަރުތައް ބަންދުކޮށް ކަނޑުގެ ބްލޮކޭޑެއް ކުރިއަށް ގެންދަން ފަށާފައެވެ. އެމެރިކާގެ މި އާ ފިޔަވަޅުތަކުގެ ސަބަބުން، އެތައް އަހަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަހައްމަލު ކުރަމުންދާ އީރާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.








