އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ފެށުމާއެކު، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން އދ. ގެ ހޯލު ދޫކޮށް ނުކުމެއްޖެއެވެ. ރާއްޖެއިން މި އިހުތިޖާޖުގައި ބައިވެރިވެފައިވަނީ އެހެން ގިނަ ގައުމުތަކަކާ ގުޅިގެންނެވެ.
ނަތަންޔާހޫ ޕޯޑިއަމްއާ ދިމާއަށް ދިޔުމާއެކު ހޯލުން ނުކުމެވަޑައިގެންނެވި ރާއްޖޭގެ ވަފުދުގެ އިސްވެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޔސައިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ. އަދި މިގޮތަށް ހޯލު ދޫކޮށް ދިޔުމަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކޮށްދިނުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު ގިނަ ގައުމުތަކެއްގެ މަންދޫބުން ހޯލު ދޫކޮށް ދިޔުމުން، އާންމު މަޖިލީހުގެ ބޮޑު ބައެއް އޮތީ ހުސްކޮށެވެ. މޯލްޑިވްސް ހިމެނޭހެން ހޯލު ދޫކޮށް ނުކުތް ގައުމުތަކުގެ މަންދޫބުންނަށް ނިސްބަތްކޮށް ނަތަންޔާހޫ ބުނީ އެއީ "އަހްލާގީ ގޮތުން ފިނޑިން" ކަމަށެވެ. އަދި އެ ވިސްނުން ގެންގުޅޭ އިތުރު ބަޔަކު ތިބިނަމަ، އޭނާ ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން ހޯލުން ނުކުތުމަށް ވެސް ނަތަންޔާހޫ ގޮވާލިއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދްސަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ގާއިމުކުރެވޭ މިނިވަން ފަލަސްތީނުގެ ދައުލަތަކަށް ތާއީދުކުރާ ގައުމެކެވެ. މީގެއިތުރުން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ޖަރީމާތައް ރާއްޖޭގެ ސަރުކާރުން އެތައް ފަހަރަކު ކުށްވެރިކޮށް، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށާއި، ގާނޫނީ ގޮތުން އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ވަނީ ގޮވާލާފައެވެ.
މީގެކުރިން 2024 އަދި 2025 ވަނަ އަހަރުގެ އދ. ގެ ޖަލްސާތަކުގައިވެސް ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން މިފަދަ އިހުތިޖާޖުތައް ހިންގާފައިވެއެވެ. މިއަހަރުގެ އިހުތިޖާޖު މި ހިނގީ ގައްޒާއާއި މުޅި ސަރަހައްދުގައި އިސްރާއީލުން ހިންގާ އުދުވާންތަކަށް ބައިނަލްއަގްވާމީ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި ޕްލެޓްފޯމް ބޭނުންކޮށްގެން ނަތަންޔާހޫ ވަނީ އިސްރާއީލުގެ އަމަލުތައް ދިފާއުކޮށް، އެކި ސަރުކާރުތަކަށާއި ނިއުޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީއަށް ފާޑުކިޔާފައެވެ.
ދިވެހިރާއްޖެއަކީ އިސްރާއީލާއެކު އެއްވެސް ސިޔާސީ ނުވަތަ ހާރިޖީ ގުޅުމެއް ނުބާއްވާ ގައުމެކެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ބައިނަލްއަގްވާމީ މައިދާންތަކުގައި ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، ދެ ދައުލަތުގެ ހައްލަށް ފުރިހަމައަށް ތާއީދުކުރެއެވެ.









