މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްގައި ދައްކަން ފެށި ޗައިނާގެ އާ ޑްރާމާ ސީރީޒް "ދަ އާލީ ސްޕްރިންގް" ބޮޑު މަގުބޫލުކަމެއް ހޯދައި، އެ ޕްލެޓްފޯމުގައި ޗައިނާގެ ޑްރާމާތަކުން ހަދާފައިވާ ހުރިހާ ރެކޯޑެއް މުގުރާލައިފި އެވެ.
ޔޫކޫ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހުގެ 24 އިން 30 އަށް ހިމެނޭ ހަފުތާގެ ގްލޯބަލް ޗާޓުގެ ދެވަނަ މި ޑްރާމާ ވަނީ ހޯދާފައެވެ. އޮގަސްޓް 26 ގައި ޔޫކޫ އަދި ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ފެށި މި ސީރީޒަށް، ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް 2.4 މިލިއަން ވިއުސް އަދި 21.5 މިލިއަން ގަޑިއިރުގެ ބެލުން ލިބިފައިވެ އެވެ. ޗައިނާގެ ނޫހެއް ކަމަށްވާ 'ދަ ޕޭޕާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހަފުތާގެ ދުނިޔޭގެ ގަދަ 10 ގެ ތެރޭގައި ހިމެނުނު ޗައިނާގެ ހަމައެކަނި އުފެއްދުމަކީ ވެސް މިއެވެ.
މަގުބޫލު ވެބް ނޮވެލެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގައި ކިޔައިދެނީ، ވާދަވެރި އެޑްވަޓައިޒިން އެޖެންސީއެއްގައި މަސައްކަތްކުރާ ޒުވާން އަންހެނަކާއި އޭނާގެ ހަރުކަށި ސުޕަވައިޒަރާ ދެމެދު އުފެދޭ ކޮމްޕްލެކްސް ލޯބީގެ ގުޅުމެއްގެ ވާހަކަ އެވެ.
މި ދާއިރާގެ މާހިރުން 'ގްލޯބަލް ޓައިމްސް' އަށް މައުލޫމާތު ދެމުން ފާހަގަކުރި ގޮތުގައި، މީގެ ކުރިން ޗައިނާގެ ޑްރާމާތައް ބައިނަލްއަގުވާމީ މައިދާނުގައި މަޝްހޫރުވެފައިވަނީ ތާރީހީ އަދި ހަނގުރާމަވެރި (ވޫޝިއާ) ސީރީޒްތަކުންނެވެ. ނަމަވެސް 'ދަ އާލީ ސްޕްރިންގް' އިން ދައްކުވައިދިނީ ޗައިނާގެ މިޒަމާނުގެ ސިޓީ ދިރިއުޅުމާއި، އޮފީސް މާހައުލުގެ ފިއްތުންތަކާއި، އަމިއްލަ ކުރިއެރުމާ ގުޅޭ ވާހަކަތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލައިގަންނަކަމެވެ. މިއީ މުޅި ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޗައިނީޒް އެކަޑަމީ އޮފް ސޯޝަލް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް ލިޓަރޭޗާގެ ނެޓްވޯކް ލިޓަރޭޗާ ރިސާޗް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ޓޮންގް ކިއާއޯ ވިދާޅުވީ، މި ސީރީޒް ކާމިޔާބުވީ އިންޓަނެޓް ނޮވެލަކުން އުފަންވެފައިވުމުގެ އިތުރުން، އޭގައި ހިމެނޭ ސިޓީ ދިރިއުޅުމުގެ އިހުސާސްތަކާއި އޮފީސް މާހައުލުގެ ގޮންޖެހުންތަކަކީ މުޅި ދުނިޔެއަށް ވެސް އާންމު ކަންތައްތަކަކަށް ވާތީ ކަމަށެވެ. އަދި އިރުމަތީގެ އާދަކާދައިގެ ތެރެއިން ފެންނަ ނާޒުކު އިހުސާސްތަކާއެކު ދުނިޔޭގެ އާންމު މައްސަލަތަކަށް އަލިއަޅުވާލާފައިވުމަކީ ވެސް މީގެ ސަބަބެކެވެ. މީގެއިތުރުން ޓޭންގް ބުނީ ސްޓްރީމިން ހިދުމަތްތައް ފުޅާވެ، ޗައިނާގެ ޑްރާމާތަކަކީ ހަމައެކަނި ތާރީހީ އެއްޗެއްގެ ގޮތުގައި އޮތް ވިސްނުން މިހާރު ބަދަލުވެފައިވާ ކަމަށެވެ.
ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޒަން އެޑްމިނިސްޓްރޭޝަންގެ ޒޫ ޒިންމޭ ބުނީ ގޮތުގައި، ނެޓްފްލިކްސް އިން ޗައިނާގެ ގިނަ އުފެއްދުންތަކެއް ދެއްކި ނަމަވެސް، ބައިނަލްއަގުވާމީ ފެންވަރުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުނީ "ދަ އާލީ ސްޕްރިންގް" އަށެވެ. ޒަމާނީ އޮފީސްތަކާއި، ސަބްވޭ ދަތުރުތަކާއި ބައިނަލްއަގުވާމީ ބްރޭންޑްތައް ހިމެނޭ މި ސީރީޒަކީ ބޭރުގެ ބެލުންތެރިންނަށް ޗައިނާގެ ޒަމާނީ ތަރައްގީ އާއި ދިރިއުޅުން ފެނިގެންދާ މުހިންމު ކުޑަދޮރެއް ކަމަށް ޒޫ ފާހަގަކުރެރި އެވެ.









