އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފިލްމު "ސައްޔާރާ" އަންނަ މަހު މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއިން ޕްރެމިއާ ކުރަން ނިންމައިފި އެވެ. ފިލްމުގެ މޭކަރުން ވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު މި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާނެ ކަމަށް އިއުލާންކޮށް، ފޭނުންނަށް ބޮޑު އުފަލެއް ގެނެސްދީފަ އެވެ.
މި ފިލްމަކީ ފިލްމީ ދާއިރާއަށް އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ތައާރަފްވި ފިލްމެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ފިލްމަށް މާބޮޑު ޕްރޮމޯޝަނެއް ކޮށްފައި ނުވާއިރުވެސް، މި ފިލްމަށް ލިބެމުންދާ ކާމިޔާބީއަކީ ގިނަ ބަޔަކު ހައިރާންކުރުވި ކަމެކެވެ. ޑައިރެކްޓަރު މޯހިތު ސުރީގެ މި ފިލްމުން އަހާން އާއި އަނީތުގެ އެކްޓިންގެ ހުނަރު ވަނީ އެންމެންނަށް ފެނިގެން ގޮސްފަ އެވެ.
ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ހަމައެކަނި މާކެޓިން އާއި ޕްރޮމޯޝަންގެ ސަބަބުން ނޫނެވެ. ފިލްމުގެ ކޮންޓެންޓުގެ ބާރާއި، ފިލްމުގައި މަސައްކަތްކުރި ކޮންމެ މީހެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފިލްމު ކްރިޓިކުން ބުނާ ގޮތުގައި މި ކާމިޔާބީ މި ފިލްމަށް ހައްގުވެގެންވެ އެވެ.
ސިނަމާތަކުގައި މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، ވަރަށް ގިނަ ބަޔަކު ދުވަސްތަކެއް ވަންދެން ތިބީ މި ފިލްމު އޮންލައިންކޮށް ބަލާލެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މިހާރު ފިލްމުގެ މޭކަރުން ސެޕްޓެމްބަރު 12 ގައި ނެޓްފްލިކްސްއަށް ދޫކޮށްލުމަށް ނިންމާފައިވުމަކީ ފޭނުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.