ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމު "އާވާރާޕަން"ގެ ދެވަނަ ބައިގެ ފުރަތަމަ ޓީޒާ އާންމުކޮށް، ބެލުންތެރިންގެ މެދުގައި ބޮޑު ސަމާލުކަމެއް އަތުލައިފި އެވެ.
މި ފޯރިގަދަ ޓީޒާއިން ފެނިގެންދަނީ އިމްރާން ހާޝިމީގެ މުޅިން ތަފާތު އަދި އާ ސިފައެކެވެ. ބޯކޮށް ވާރޭ ވެހެމުންދާ ވަގުތެއްގައި ސައިކަލެއްގައި ދުއްވާފައި ގޮސް ބަޔަކާ މާރާމާރީ ހިންގާ މަންޒަރުތަކެއް ޓީޒާއިން ފެންނައިރު، "ޑައްތާއި ތިމަންނައާއި ވަރަށް ދުވަސްވީ ގުޅުމެއްވާ" ކަމަށް ބުނާ އަސަރުގަދަ ޑައިލޮގެއް ވެސް އިވިގެންދެ އެވެ. އިމްރާންގެ އިތުރުން މަޝްހޫރު ބަތަލާ ދިޝާ ޕަޓާނީ ވެސް މި ޓީޒާއިން ފެނިގެންދެ އެވެ. ޓީޒާގައި ދިޝާ ފެންނަނީ ވައިލަންއެއް ކުޅެން އިންނަ މަންޒަރަކުންނެވެ. އަދި ފުރަތަމަ ބައިގެ ބަތަލާ ޝްރިޔާ ސަރަން ވެސް މި ޓީޒާގައި ހިމެނެ އެވެ.
މި ފިލްމަކީ 2007 ވަނަ އަހަރު ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސްއިން ނެރުނު ކާމިޔާބު ކްރައިމް ޑްރާމާ "އާވާރާޕަން"ގެ ސީކުއަލްއެކެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރި ފުރަތަމަ ބަޔަކީ އޭގެ ލަވަތަކާއި ވާހަކައިގެ ސަބަބުން ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ވަކިން ހާއްސަކޮށް އެ ފިލްމުގެ "ސައްޔާރާ" ލަވަ އަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވައެކެވެ.
ފުރަތަމަ ބައި މޯހިތު ސޫރީ ޑައިރެކްޓް ކުރި ނަމަވެސް، "އާވާރާޕަން 2" ޑައިރެކްޓް ކުރަނީ ނިތިން ކައްކަރްއެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ 2019 ވަނަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން އިމްރާން ހާޝިމީގެ "ބާޑް އޮފް ބްލަޑް" ވެސް ލިޔުނު ބިލާލް ސިއްދީގީ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "އާވާރާޕަން 2" ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.









