ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ދިޝާ ސާލިއަން 2020 ވަނަ އަހަރު މަރުވި މައްސަލައިގެ ތަހުގީގުގައި ފުށުއެރުންތަކެއް ހުރިކަމަށް ބޮމްބޭ ހައި ކޯޓުން ފާހަގަކުރުމާ ގުޅިގެން، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެ މައްސަލަ އަލުން ތަހުގީގުކުރަން ފަށައިފިއެވެ.
އުމުރުން 28 އަހަރުގެ ދިޝާ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 8-9 ވިލޭރޭ މުމްބާއީގެ އިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ. ފުލުހުން ފުރަތަމަ މި މައްސަލަ ބެލީ ނުރައްކާތެރި ހާދިސާއަކުން ވެއްޓުނު ކަމަށެވެ. އަދި ފަހުން ނިންމީ އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށެވެ.
ނަމަވެސް ދިޝާގެ ބައްޕަ ސަތީޝް ސާލިއަން ވަނީ އެ ނިންމުން މުޅިން ދޮގުކޮށްފައެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި އޭނާގެ އަންހެން ދަރިފުޅު މަރާލާފައިވަނީ ގޭންގް ރޭޕްކޮށް އަނިޔާކުރުމަށްފަހުއެވެ. އަދި ބާރުގަދަ ފަރާތްތަކެއް ސަލާމަތް ކުރުމަށްޓަކައި ހެކި ނައްތާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއެވެ. ނަމަވެސް މި ތުހުމަތުތައް އަދި ސާބިތުވެފައެއް ނުވެއެވެ.
ސެޕްޓެމްބަރު 2 ވަނަ ދުވަހު ނެރުނު އަމުރެއްގައި ބޮމްބޭ ހައި ކޯޓުން ބުނެފައިވަނީ، ފުލުހުންގެ ތަހުގީގުން ޖަވާބުތަކަށްވުރެ ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ލިޔެކިޔުންތައް ލަސްވުމާއި، ދިޝާ ވެއްޓުނު ކަމަށް ބުނާ ސަރަހައްދުގައި ލޭގެ އަސަރު ނެތުމާއި، ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ޒަހަމްތަކާއި ވެއްޓުމާ ދެމެދު ފުށުއެރުންތަކެއް ހުރުން ފަދަ ކަންކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މި މައްސަލަ ޝައްކު އުފެދޭ އަދި އާދަޔާހިލާފު މަރެއްގެ ގޮތުގައި ބެލި ނަމަވެސް، ރަސްމީކޮށް އެފްއައިއާރްއެއް ރަޖިސްޓްރީ ކޮށްފައި ނުވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
ކޯޓުގެ އަމުރާ ގުޅިގެން ސީބީއައި އިން ވަނީ ދިޝާގެ ބައްޕަގެ ޝަކުވާއަށް ބިނާކޮށް އެފްއައިއާރްއެއް ރަޖިސްޓްރީކޮށްފައެވެ. ދިޝާގެ ބައްޕަ ތުހުމަތުކުރާގޮތުގައި، ބާރުގަދަ ފަރާތްތަކެއްގެ ކުށްކުރުމުގެ އަމަލުތަކާ ބެހޭ މައުލޫމާތު އޭނާގެ ދަރިފުޅަށް ލިބި، އެކަން އޭނާ ތަމްސީލުކުރި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތާ ހިއްސާކޮށްފައިވެއެވެ. އަދި އެ ދެ މީހުން އެ މައުލޫމާތު އާންމުކުރަން ރޭވުމާ ގުޅިގެން، އެ ދެ މީހުން އަޑުކަނޑުވާލުމަށް ރޭވުމެއް ހިންގާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއެވެ.
އުމުރުން 34 އަހަރުގެ ސުޝާންތު މަރުވެފައިވަނީ ދިޝާ މަރުވިތާ 6 ދުވަސް ފަހުން 2020 ޖޫން 14 ގައެވެ. އޭނާގެ މަރުވެސް ފުރަތަމަ ބެލުނީ އަމިއްލައަށް މަރުވި މައްސަލައެއްގެ ގޮތުގައެވެ. އަދި މިދިޔަ އަހަރު ސީބީއައި އިން ނިންމާފައިވަނީ ސުޝާންތު މަރުވީ އަމިއްލައަށް މަށާއި، އެކަމުގައި އެކްޓްރެސް ރިއާ ޗަކްރަބަތީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
މި އާ ތަހުގީގު މި ފެށުނީ ދިޝާގެ ބައްޕަ އޭނާގެ ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދުމަށް 6 އަހަރު ވަންދެން ކުރި މަސައްކަތަށް ފަހުއެވެ.









