ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްއަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަމުގެ ހަބަރު މިއަދު ދީފި އެވެ.
މި އުފާވެރި ހަބަރު މި ދެ ތަރިން ހިއްސާކޮށްފައިވަނީ މިއަދު އެ މީހުންގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްތަކުގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. މި ޕޯސްޓްގައި ފެންނަނީ އެ ދެމަފިރިންގެ އަލަތު ދަރިފުޅު، ދުއާ ޕަދްކޯން ސިންގް، ބަނޑުބޮޑުކަން ޓެސްޓުކުރާ ކިޓެއް ހިފަހައްޓައިގެން އިންނަ މަންޒަރެވެ. އެ ކިޓުން ދައްކާ ގޮތުގައި ޓެސްޓުގެ ނަތީޖާ އަކީ ޕޮޒިޓިވް ނުވަތަ ބަނޑުބޮޑު ކަމަށެވެ.
މި ފޮޓޯއާއެކު ދީޕިކާ ހިއްސާކޮށްފައިވާ ކެޕްޝަންގައި، އެސްފީނާއިން ރައްކާތެރިވުމަށް ބައެއް ސަގާފަތްތަކާއި ދީންތަކުގައި ބޭނުންކުރާ "އީވިލް އައި" އިމޯޖީއެއް ހިމަނާފައިވެ އެވެ.
ދިގު މުއްދަތެއްގެ ލޯބީގެ ގުޅުމަކަށްފަހު ރަންވީރާއި ދީޕިކާ ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. އެ ދެމަފިރިންގެ އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.
އަލަތު ދަރިފުޅުގެ ނަމަކީ "ދުއާ ޕަދްކޯން ސިންގް" ކަން އެ ދެމަފިރިން ހާމަކުރީ މިއަހަރުގެ ދިވާލީ މުނާސަބަތާ ދިމާކޮށް ކުރި ޕޯސްޓެއްގަ އެވެ. އެ ފަހަރު ދީޕިކާ ބުނެފައިވަނީ "ދުއާ" ގެ މާނައަކީ އަޅުކަން ކަމަށާއި، އެ ދަރިފުޅަކީ އެ ދެމަފިރިން ކުރި ގިނަ ދުއާތަކެއްގެ ނަތީޖާ ކަމަށްވާތީ އެ ނަން ދޭން ނިންމީ ކަމަށެވެ.
ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކުރުމާއެކު، ބޮލީވުޑްގެ ފަންނާނުންނާއި ދެ ތަރިންގެ ފޭނުން ދަނީ އެ އާއިލާއަށް މަރުހަބާ އާއި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.










