ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު "ދުރަންދަރު 2" ނުވަތަ "ދުރަންދަރު: ދަ ރިވެންޖު" ގެ އާ މަންޒަރުތަކާއެކު ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާފި އެވެ.
ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރާ މި ފިލްމުގެ ވާޝަނަށް ދީފައިވާ ނަމަކީ "ދުރަންދަރު: ދަ ރިވެންޖު (ރޯ އެންޑް އަންދޭކާ)" އެވެ. ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައި މި ފިލްމު ސްޓްރީމްކުރާނީ ނެޓްފްލިކްސް މެދުވެރިކޮށެވެ. އިންޑިއާގައި މި ފިލްމު ދައްކާނީ ޖިއޯ ހޮޓްސްޓާ އިންނެވެ.
ނެޓްފްލިކްސްއިން ފެނިގެންދާނީ ސިނަމާތަކުގައި ދެއްކި ފިލްމަށްވުރެ ފުރިހަމަ، ސެންސަރު ނުކުރާ "އަންކަޓް" ވާޝަނެކެވެ. ސިނަމާގައި ދެއްކި ފިލްމުގެ ދިގުމިނަކީ 3 ގަޑިއިރާއި 49 މިނެޓެވެ. ނަމަވެސް، ސްޓްރީމިން ވާޝަންގައި 3 ގަޑިއިރާއި 52 މިނެޓު ހުންނާނެއެވެ. މީގެ މާނައަކީ ސިނަމާތަކުން އުނިކުރި ބައެއް ޑައިލޮގްތަކާއި، އަނިޔާވެރި މަންޒަރުތައް ހިމެނޭ އިތުރު 3 މިނެޓުގެ އާ މަންޒަރުތައް މި ވާޝަންގައި ހިމެނޭނެ އެވެ. މި ވާޝަން އިޝްތިހާރުކޮށްފައިވަނީ ކުރިއަށްވުރެ ބިރުވެރި އަދި އަސަރުގަދަ ފިލްމެއްގެ ގޮތުގަ އެވެ.
އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. އެގޮތުން އިންޑިއާއިން އެކަނިވެސް 1,300 ކްރޯޑް ރުޕީސް (153 މިލިއަން ޑޮލަރު) ހޯދާފައިވާއިރު، މުޅި ދުނިޔެއިން މިހާތަނަށް 1,800 ކްރޯޑް ރުޕީސް (212 މިލިއަން ޑޮލަރު) އަށްވުރެ ބޮޑު އާމްދަނީއެއް މި ފިލްމަށް ވަނީ ލިބިފަ އެވެ.
ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ އެހެން މުހިންމު ރޯލުތަކުން ސާރާ އަރުޖުން، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރް މާދަވަން ފަދަ މަޝްހޫރު ތަރިން ފެނިގެންދެ އެވެ.








