ބޮލީވުޑްގެ ތަރި އާމިރު ހާންގެ ދަރިފުޅު ޖުނައިދު ހާން އާއި ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ސައި ޕައްލަވީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ދައްކަން ފަށައިފި އެވެ.
މިދިޔަ މެއި މަހު ސިނަމާތަކަށް ރިލީޒްކުރި މި ލޯބީގެ ފިލްމަކީ އާމިރު ހާން ޕްރޮޑަކްޝަނުން އުފެއްދި ފިލްމެކެވެ. މިއީ ޑައިރެކްޝަންގެ ދާއިރާއަށް އަލަށް ނުކުތް ސުނިލް ޕާންޑޭގެ ފުރަތަމަ މަސައްކަތެވެ. މަންސޫރު ހާން އަދި އާމިރު ހާން އިސްކޮށް ތިބެ ޕްރޮޑިއުސްކުރި މި ފިލްމަކީ މަގުބޫލު ބަތަލާ ސައި ޕައްލަވީ ހިންދީ ސިނަމާއަށް ތައާރަފްވި ފުރަތަމަ ފިލްމުވެސްމެ އެވެ.
ރީތި ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ މުހިއްމު ރޯލަކުން އެކްޓަރު ކުނާލް ކަޕޫރު ވެސް ފެނިގެންދެ އެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން ބެލުންތެރިންގެ މެދުގައި ބޮޑު އުއްމީދެއް އޮތް ނަމަވެސް، ސިނަމާތަކުގައި މި ފިލްމަށް ބޮކްސް އޮފީހުގައި އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް، ފިލްމުގެ ސްކްރިޕްޓުގެ ފުރިހަމަކަމަށާއި ޖުނައިދު އާއި ސައިގެ މޮޅު އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. ސްނެހާ ދެސާއީ އަދި ސްޕަންދަން މިޝްރާގެ ސްކްރީންޕްލޭއަށް ތައްޔާރުކުރި މި ފިލްމަށް ކްރިޓިކުންގެ ފަރާތުން ބައެއް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.
މިއީ ޖުނައިދު ހާންގެ ތިންވަނަ ބޮޑު ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ 2024 ވަނަ އަހަރު ނެރުނު "މަހަރާޖާ" އަދި 2025 ވަނަ އަހަރުގެ "ލަވްޔާޕާ" އިން ފެނިގެން ގޮސްފަ އެވެ.









