ފަލަސްޠީނުގެ ރާމަﷲ ގެ އިރުއުތުރުން އޮންނަ އަބޫ ފަލާޙް އަވަށުގެ ގެތަކަށް ގެއްލުންދޭން އުޅުނު އިޒުރޭލު ރައްޔިތުންނާއި އެ އަވަށުގެ ރައްޔިތުން ކުރިމަތިލުމުން، ފިނޑި ޒަޔަނިސްޓުން ބިރުން ދުވެ ފިލައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުން ހިތްވަރާއި ސާބިތުކަމާއެކު އަމިއްލަ ވަޒަނާއި ހައްގުގެ ދިފާއުގައި އިޒުރޭލުގެ ވަޒަންވެރީންނާއި ދެކޮޅަށް ނުކުތް އިރު އިޒުރޭލު މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމަށް ހަބަރުތައް ބުނެއެވެ. ފަލަސްތީނު ރައްޔިތުން އިޒުރޭލު ވަޒަންވެރީންނާއި ދެކޮޅަށް ނުކުތީ ހުސްއަތާއެވެ. ދެފަރާތުގެ ދެމެދުގައި މާރާމާރީ ހިންގުމަށް ފަހު، ކެތްނުކުރެވިގެން ހަތިޔާރު އަޅައިގެން ތިބި ވަޒަންވެރިންގެ ފައުޖު އެންމެ ފަހުން ބަޗައި، ދުވެ ފިލީ ކަމަށް ފަލަސްތީނުގެ މަސްދަރުތައް ބުނެއެވެ.
މި ހާދިސާއިން ދުނިޔެއަށް ސާފުކޮށް ވިސްނުވައިދިނީ، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުގައިވާ އީމާންތެރިކަމާއި ޖިހާދުގެ ރޫހަކީ އެއްވެސް ބަޑިއަކަށް ނުވަތަ ޓޭންކަކަށް ގުޑުވާލެވޭނެ އެއްޗެއް ނޫން ކަމެވެ. ދުޝްމަނުންނަކީ ކިތަންމެ ބާރުގަދަ ބައެއްގެ ގޮތުގައި ދެއްކި ނަމަވެސް، ހަގީގީ ހިތްވަރެއް ހުރި ބައެއްގެ ކުރިމަތީގައި އެމީހުންނަކީ ނުހަނު ފިނޑި ބައެކެވެ. ރަށުގެ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ދިން ރައްދު ހަމަލާތަކާއެކު، ޔަހޫދީ ވަޒަންވެރިންނަށް ޖެހުނީ ސަރަހައްދު ދޫކޮށް ދުވާށެވެ. މިއީ މުޅި ފަލަސްޠީނުގެ މިނިވަންކަމުގެ ޖިހާދަށް ލިބުނު ބޮޑު އުންމީދެކެވެ.
ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ވަޒަންވެރިން ފިލައިގެން ދުވިއިރު އެމީހުންނަށް ހިމާޔަތްދޭން އިސްރާއީލުގެ ރަސްމީ ސިފައިން ވަނީ އަވަށުގެ ރައްޔިތުންނާއި ދެކޮޅަށް ކަރުނަގޭހާއި ބަޑީގެ ހަމަލާތައް ދީފައެވެ.









