ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ހަގު ކޮއްކޯފުޅު، ޝެއިހް އަހްމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޝެއިހް އަހްމަދު އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ދުބާއީގެ ރޫލަރސް ކޯޓުން ވަނީ ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް އިއުލާނުކޮށް، ދުބާއީގެ ހުރިހާ ސަރަހައްދެއްގައި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައެވެ.
މި ހިތާމަވެރި ހަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝެއިހް އަހްމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމުގެ ހިތާމައިގައި، ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމަށާއި އެ އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް އެދި ދުއާކުރައްވާ ކަމަށާއި، މި ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޝެއިހް އަހްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ މަރުހޫމް ޝެއިހް ރާޝިދު ބިން ސައީދު އަލް މަހްތޫމްގެ އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓުން ދަސްވެނިވެވަޑައިގެންނެވި ޝެއިހް އަހްމަދު ވަނީ ދުބާއީގެ ސެންޓްރަލް މިލިޓަރީ ރީޖަންގެ ކޮމާންޑަރުކަމާއި، ދުބާއީ ޕޮލިސް އަދި ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއަރމަންކަން ކުރައްވާފައެވެ. މީގެއިތުރުން އަލް ވަސްލް އެފްސީގެ ޗެއަރމަންކަން ކުރެއްވި ޝެއިހް އަހްމަދަކީ އަސް ރޭސްތަކަށް ހާއްސަ އަސް ގެންގުޅުއްވި އަދި އެ ދާއިރާއިން މަޝްހޫރު ބޭފުޅެކެވެ.
ޝެއިޚް އަޙްމަދު އަވަހާރަވުމާ ގުޅިގެން ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ވަނީ އެމަނިކުފާނު ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ބަޙްރައިން އާއި ގަލްފުގެ އެހެން ޤައުމުތަކުގެ ވެރިންވެސް ވަނީ މި ހިތާމައިގައި ބައިވެރިވެވަޑައިގެން ތަޢުޒިޔާގެ މެސެޖުތައް ފޮނުއްވާފައެވެ.
ކަށުކަމާކެމީގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ތަފްޞީލު އަދި ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.









