ވިލާތުގެ ޤައުމެއްގައި ބޭއްވުނު ސިއްރު ބައްދަލުވުމެއްގައި، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން އެމެރިކާއަށް "ފެހި ސިގްނަލް" ދީގެން އީރާނާއި ދެކޮޅަށް އަސްކަރީ ޙަރަކާތްތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ ސިއްރު ޖާސޫސީ މަޢުލޫމާތު ލިބިފައިވާ ކަމަށް އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ހާމަކޮށްފިއެވެ.

އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރަޙައްދީ ބައެއް ޤައުމުތަކުން ވަނީ އީރާނުގެ މާލީ އަދި އަސްކަރީ ބާރުތައް ބަލިކޮށްލުމަށް އެމެރިކާގެ ކިބައިން ސީދާ އެދިފައެވެ. މި އާއިއެކު އީރާނުގެ ވައިގެ، އެއްގަމު އަދި ކަނޑުގެ އަސްކަރީ ފައުޖުތައް މިހާރު ވަނީ އެންމެ މަތީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.

މި ނުރައްކާތެރި ރޭވުމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނީ އެމެރިކާއިން އެގައުމަށް އެއްވެސް ޙަމަލާއެއް ދީފިނަމަ، ސަރަޙައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށް އެއްވެސް އިމެއް ނެތި، މެދުކެނޑުމެއްނެތް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށެވެ. އަދި އެމެރިކާގެ ޙަމަލާތަކަށް ޖައްވީ ނުވަތަ އެއްގަމުގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަދޭ ކޮންމެ ޤައުމަކީ ހަނގުރާމައިގެ ބައިވެރިއެއްގެ ގޮތުގައި ބަލައި، އެ ޤައުމުތަކަށް ވެސް އިމެއް ނެތި ރައްދު ޙަމަލާތައް އަމާޒުވާނެ ކަމަށް އީރާނުގެ ބަޔާނުގައިވެއެވެ.