ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ނިރުބަވެރި ސިފައިން ހިންގަމުންދާ ލޭއޮހޮރުވުންތަކާއި ލާއިންސާނީ ޖަރީމާތަކަށް ކެތްނުވެގެން، ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދަކު ދިން ބަޑީގެ ޙަމަލާއެއްގައި ޔަހޫދީންތަކަކަށް އަނިޔާވެ، އެކަކު މަރުވެ، އިޒްރޭލުގެ ސަލާމަތީ ބާރުތައް ސިއްސުވާލައިފިއެވެ.
ރާމަﷲ ކައިރީގައިވާ "ޢައިން ރާޔާ" ސަރަޙައްދުގައި އެއްވެފައި ތިބި ޔަހޫދީންތަކަކަށް އަމާޒުކޮށް ދުއްވާފައިދިޔަ އުޅަނދަކުން ދިން މި ބަދަލުހިފުމުގެ ޙަމަލާގައި މަރުވީ 30 އަހަރުގެ ޔަހޫދީއެކެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުން ވަނީ މި ޙަމަލާއަކީ އިޒްރޭލުގެ އަޅުވެތިކަމާއި ދެކޮޅަށް ދެވުނު ހިތްވަރުގަދަ ރައްދެއް ކަމަށް ބުނެ މަރުޙަބާ ކިޔާފައެވެ.
މި ޙަމަލާއަށްފަހު ފަލަސްޠީނުގެ މުޖާހިދު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ހަމަލާގައި ޔަހޫދީންގެ އިތުރު ބަޔަކަށް ވެސް އަނިޔާވެފައިވާއިރު އެމީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، އިޒްރޭލު ސިފައިން ދަނީ އެ ސަރަޙައްދުގެ މަގުތައް ބަންދުކުރަމުންނެވެ.









