ޒުވާނުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަށައި ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން، 18.74 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުންނަށް ފަސޭހައިން ކެޕިޓަލް ލިބޭނެ މަގުފަހިކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިތައް ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން "ޔޫތު އެންޓްރަޕްރެނާޝިޕް ފައިނޭންސިންގ" އިނީޝިއޭޓިވް ތައާރަފުކޮށްފައިވަނީ ފާއިތުވި ޖުލައި މަހު ކަމަށެވެ.
މި ސްކީމް ހިންގަނީ ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހަދާފައިވާ 64.85 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ފެސިލީޓީއެއްގެ ދަށުންނެވެ. ފުރަތަމަ ކަނޑައެޅުނު 19.46 މިލިއަން ޑޮލަރުގެ ބަޖެޓަށް 3,536 ފަރާތަކުން އެދިފައިވާއިރު، އޭގެ ތެރެއިން 2,081 ފަރާތަކަށް ވަނީ ފައިނޭންސް ހަމަޖެހިފައެވެ. މިއީ 18 އަދި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކާއި ފްރީލާންސަރުންނަށް 7 އިންސައްތައިގެ އަހަރީ ފައިދާގެ ރޭޓުގައި 9,727.63 ޑޮލަރާ ހަމައަށް ފައިސާ ލިބޭނެއެވެ. މިއީ 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 5 އަހަރުން ދައްކާ ހަލާސްކުރަންޖެހޭ ފައިސާއެކެވެ.
މި ސްކީމްގެ ދެވަނަ ބުރަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސިލީޓީ މުޅިން ނިމިގެންދާއިރު ގާތގަނޑަކަށް 6,000 ޒުވާނުންނަށް މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި މަޝްރޫޢުގެ ދަށުން ބީއެމްއެލް އިން 24 ގަޑިއިރުގެ ތެރޭގައި އެޕްލިކޭޝަންތައް އެވަލުއޭޓް ކުރާނެއެވެ. އަދި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ވިޔަފާރީގެ ލަފަޔާއި އިރުޝާދާއި މެންޓަރޝިޕް އަދި ތަމްރީނު ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިނީޝިއޭޓިވްގެ ބޭނުމަކީ ހަމައެކަނި ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެ ވިޔަފާރިކުރުމުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ.









