ދިވެހި ރުފިޔާގެ ނިޝާން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކަށް ބޭނުންކުރެވޭ ގޮތަށް ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނައިފިއެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ރަސްމީކޮށް ހިމަނާފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ.
ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގެ ވަރޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނިއިރު، މި ނިޝާނަށް ހާއްސަކޮށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. މި ނިޝާނަކީ 2022 ވަނަ އަހަރުން ފެށިގެން މަރުކަޒީ ބޭންކުން ނެރެ ބޭނުންކުރަމުން އަންނަ ނިޝާނެއް ނަމަވެސް، މިހާތަނަށް އައިއިރު ޑިޖިޓަލް ވަސީލަތްތަކުގައި އެ ނިޝާން ބޭނުންކުރަމުން އައީ އެކި ޑިޒައިންތަކަށާއި ތަފާތު މިންގަނޑުތަކަށް ބިނާކޮށެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި ރުފިޔާގެ ނިޝާން މުޅި ދުނިޔޭގައި ބޭނުންކުރާ ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމަކީ، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށް ހާސިލްވި މުހިންމު ލަނޑުދަނޑިއެކެވެ. އަދި ކުރިއަށް އޮތް ސޮފްޓްވެއަރ އަޕްޑޭޓްތަކާއެކު އާންމުންނަށް މި ނިޝާން ޑިޖިޓަލްކޮށް ބޭނުންކުރެވެން ފެށޭނެކަން ފާހަގަކުރައްވައި، އެމްއެމްއޭއިން ވަނީ މިކަމުގައި އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ރުފިޔާގެ ނިޝާނަކީ އާންމުންނަށް ހުޅުވާލައިގެން ބޭއްވި ފަރުމާކުރުމުގެ މުބާރާތަކުން އެންމެ ރަނގަޅު ފަރުމާގެ ގޮތުގައި އިންސާފުކުރި ކޮމިޓީން ހޮވި ނިޝާނެވެ. 2022 ވަނަ އަހަރު ބޭނުންކުރަން ފެށި މި ނިޝާނަކީ މިހާރު ދިވެހި ރުފިޔާގެ ނޫޓުތަކުގައިވެސް ރަސްމީކޮށް ބޭނުންކުރަމުން އަންނަ ނިޝާނެކެވެ.









