ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ހުދު ސަމާލު (ވައިޓް އެލާޓް) 18:00 އާ ހަމައަށް ހަމަވާއިރު، މި ސަމާލަށް އިތުރު ބަދަލެއް އަދި ނުގެނެއެވެ.
މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ. ނަމަވެސް، މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.









