ވަރލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް ޖޮހޭނެސް ޒުޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ މުލީއާގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ކާމިޔާބުކުރުމަށްޓަކައި ވަރލްޑް ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށެވެ. އެގޮތުން ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމުތަކުގެ ޒަރީއާއިން ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާއަށް ވަރލްޑް ބޭންކުން ދެމެމުންދާ އެއްބާރުލުން ކުރިއަށްގެންދިއުމާއި، ތަރައްގީގެ މަޝްރޫއުތައް މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސް ވާހަކަދެއްކެވިއެވެ.
ރައީސް މުޢިއްޒު ވަނީ މިހާރު ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ބޮޑުކަން ހާމަކުރައްވާފައެވެ.
ޖޮހޭނެސް ޒުޓް ވަނީ ދިވެހިރާއްޖެއަށް އެހީތެރިވުމަށް ވަރލްޑް ބޭންކު ތައްޔާރަށް އޮތްކަން ތަކުރާރުކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ ސަބަބުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.









