ސައުދީ އަރަބިއްޔާގެ އަލް-ބާހާ ސަރަހައްދުން، އިސްލާމްދީނުގެ ކުރީކޮޅަށް ނިސްބަތްވާ އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ލިޔެފައިވާ 1،300 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތެއް އާސާރީ ތަހުގީގުތަކުން ހޯދައިފިއެވެ.
މި މުހިންމު ހޯދުން ހޯދާފައިވަނީ ސައުދީ ހެރިޓޭޖް ކޮމިޝަނުން އަލް-ބާހާ ސަރަހައްދުގެ އަލް މާލައްމާ ސައިޓުގައި ކުރިއަށްގެންދިޔަ އާސާރީ ބިން ކޮނުމުގެ ހަތަރުވަނަ ބުރުގެ ތެރޭގައެވެ. މި މިސްކިތުގެ ގިބްލައާއިވީ ފާރުގައިވާ ލިޔުމުގައި، "ޢަބްދުﷲ ގެ ދަރިކަލުން މުޙައްމަދަށް" ރަހްމަތާއި ބަރަކާތް ލެއްވުން އެދި ދުއާކޮށްފައިވެއެވެ. އަދި މި ލިޔުމުން މި މިސްކިތް ބިނާކުރެވިފައިވަނީ ހިޖުރީ ފުރަތަމަ ގަރުނުގައިކަން ހާމަވެއެވެ.
ގްރެނައިޓް ގަލުން ބިނާކޮށްފައިވާ މި މިސްކިތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 16 މީޓަރާއި 10 މީޓަރެވެ. މި މިސްކިތުގައި މިހްރާބަކާއި، ވަދެވޭ ދޮރުތަކާއި، ކުޑަ މުންނާރެއްގެ އިތުރުން މިސްކިތުގެ ވަށައިގެން އިޖްތިމާއީ އަދި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކޮށްފައިވާކަމަށް ބެލެވޭ ހިލަ ކޮޓަރިތަކާއި، ގޮދަން ފުނޑުމަށް ބޭނުންކުރާ އާލަތްތަކާއި، މައުދަން ނަގައި ޕްރޮސެސްކޮށްފައިވާކަމުގެ ނިޝާންތައް ފެނިފައިވެއެވެ. މި ކަންކަމުން ދައްކުވައިދެނީ އެ ސަރަހައްދަކީ ވިޔަފާރިއާއި ސިނާއީ ގޮތުން ކުރިއަރާފައިވާ މަރުކަޒެއް ކަމެވެ.
ސައޫދީގެ ހެރިޓޭޖް ކޮމިޝަނުން ބުނީ މި މިސްކިތާއި ވަށައިގެން ފެނުނު އާސާރީ ތަކެތީގެ ސަބަބުން، އިސްލާމްދީނުގެ ކުރީކޮޅު އަލް-ބާހާ ސަރަހައްދުގެ ދީނީ، އިޖްތިމާއީ އަދި އިގުތިސާދީ ދިރިއުޅުމާ ބެހޭ އާ ހެކިތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ.






