ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގަރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ތެރެއިން، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ.
ޕީއެންސީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދިޔައިރު، އަންހެނުންނަށް ހާއްސަ 10 ގޮނޑިއަށް ޖުމްލަ 22 ބޭފުޅަކު ވާދަކުރައްވާފައިވެއެވެ.
މި 10 ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައި ވަނީ މަރްޔަމް ޝިއުނާއާއި، ޝެރީން އަބްދުއްސަމަދާއި، އާއިޝަތު މުހައްމަދާއި، ފާތިމަތު ރުހުސާނާއާއި، ފާތިމަތު މިޒުނާއާއި، ފާތިމަތު މުހައްމަދާއި، އާސިޔަތު ރިޔާސާއާއި، އާމިނަތު ނަމްޒާއާއި، އާމިނަތު ޝުހުދާގެ އިތުރުން މަރްޔަމް ސާމިޔާއެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މެންބަރުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވަނީ މަރްޔަމް ޝިއުނާއެވެ. އޭނާއަށް ކޮންގްރެސްގެ 931 މަންދޫބުން ވޯޓު ދެއްވާފައިވެއެވެ.
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގައި އަންހެނުންނަށް ހާއްސަ މި ގޮނޑިތަކުގެ އިތުރުން، ޒުވާނުންނަށް ހާއްސަ ގޮނޑިތަކަކާއި، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން 18 އާންމު މެންބަރުން އިންތިހާބު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.









