ދިވެހިރާއްޖޭގެ ސަގާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ އިސްލާމްދީން ކަމަށާއި ގައުމުގެ އެންމެ ވަރުގަދަ އައްޑަނައަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދީނީ ކަންކަމަށް ހޭދަކުރުމާއި އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހާއްސަކޮށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ނަމުގައި ގައުމީ ވަގުފު ކުންފުންޏެއް ވަނީ އުފައްދާފައެވެ. އަދި މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް އިސްލާމީ ތަރުބިއްޔަތުގެ މައްޗަށް ބިނާކޮށް މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި 900 އަހަރު ފުރުމުގެ ލޯގޯއާއި ޝިއާރު އިފްތިތާހްކޮށްދެއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ދައުލަތުގެ މަތީ ފަންތީގެ ބޭފުޅުންނާއި، ބޭރު ގައުމުތަކުގެ ސަފީރުން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.








