ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މިއަދުވެސް ގައުމުގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. ވޭތުވެދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާން ފަށާފައިވާއިރު، ކުރިއަށްއޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވާނެކަމަށް ބަލައި މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު މެންދުރު 14:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި، މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. މީގެއިތުރުން، ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ބަލައި މިއަދު ހެނދުނު 09:30 އާ ހަމައަށް މުޅި ރާއްޖެއަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.
މި ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ތަފާތު ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަށް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ކުރިއަށްއޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްކޮށް އުޅޭނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.








