ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބްރިޖަށް 6 އަހަރު ފުރުމާއި ގުޅިގެން، މި ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ ގާތްގުޅުން ދައްކުވައިދޭ ރަމްޒެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ޒަމާންވީ ގާތްގުޅުމާއި، އެކުވެރިކަން ދައްކުވައިދޭ ރަމްޒެއްކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތްތަނުގައިވެސް ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން އެއްބާރުލުމާއި ފާގަތިކަމުގެ މުސްތަޤްބަލެއް ހޯދުމަށް މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖަކީ މާލެއާއި ހުޅުމާލެ ގުޅާލުމަށް ޗައިނާގެ އެހީގައި އިމާރާތްކޮށްފައިވާ ބްރިޖެކެވެ. މި ބްރިޖު ހުޅުވުނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަދަކީ މި ބްރިޖަށް 6 އަހަރު ފުރޭ ދުވަހެވެ.







