ޔަމަނުގެ ދެކުނުގައި އޮންނަ އަލް ޟާލިއު ގަވަރްނަރޭޓްގައި ސައޫދީން މަދަދުވެރިވާ ޔަމަނު ސަރުކާރުގެ ދިފާއީ ވަޒީރު ޠާހިރު އަލްޢުޤައިލީ އާއި އޭނާގެ ބޮޑީގާޑުން، ދެކުނުގެ ވަކިވެގަންނަން އުޅޭ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ސަދަން ރެސިސްޓެންސް އިން ހިސާރުކޮށްފިއެވެ. މި ހާދިސާ ހިނގީ އެ ސަރަހައްދުގެ ހޫޘީންނާ ދެކޮޅު ހަނގުރާމައިގެ ކުރީސަފުގެ މަސްރަޙު ބައްލަވާލެއްވުމަށް ވަޒީރު ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ.
މިއީ ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫޘީ ޖަމާއަތާ ގުޅުމެއް އޮވެގެން ހިނގި ކަމެއް ނޫން ނަމަވެސް، މިއީ ޔަމަނު ސަރުކާރަށް ތާއީދުކުރާ ކޯލިޝަނުގެ އެތެރޭގައި އުފެދިފައިވާ ބޮޑު ކޯޅުމެއްގެ ނަތީޖާއެވެ.
މި ހަމަލާ ދީފައިވަނީ ވަޒީރުގެ މޮޓޯކޭޑް އަލް ޟާލިއުގެ މަގުތަކުން ދަތުރުކުރަނިކޮށް، ސަދަން ރެސިސްޓެންސްގެ ގިނަ އަދަދެއްގެ ހަތިޔާރުއެޅިން މަގުތައް ބަންދުކޮށް ބަޑީގެ ހަމަލާތަކެއް ދިނުމަށްފަހުއެވެ. މި ކުރިމަތިލުމުގައި ވަޒީރުގެ އަރިސް ބައެއް މީހުންނަށް އަނިޔާވެ، މޮޓޯކޭޑްގައި ހިމެނޭ ބައެއް އަސްކަރީ ވެހިކަލްތަކުގައި ވަނީ ރޯކޮށްލާފައެވެ.
މި ހަމަލާއިން ސަލާމަތްވުމަށްޓަކައި ވަޒީރު ޠާހިރު އަލްޢުޤައިލީ އެ ސަރަހައްދުގައި ހުންނަ "ޢަބޫދު" އަސްކަރީ ކެމްޕަށް ވެދެވަޑައިގަތުމުން، ހަތިޔާރުއެޅިން ވަނީ އެ ކޭމްޕު ވަށާލައި އޭނާ ހިސާރުކޮށް، އޭނާގެ ބޮޑީގާޑުންނާއި އަރިސް ސިފައިން ހައްޔަރުކޮށްފައެވެ.
މި ހަމަނުޖެހުން ހިންގަން މެދުވެރިވި މައިގަނޑު ސަބަބަކީ ދެކުނުގެ ސިފައިންގެ މުސާރަ އާއި ކާބޯތަކެތީގެ ޚިދުމަތްތައް ދިފާއީ ވުޒާރާއިން ހުއްޓާލާފައިވާ ކަމަށް ބުނެ ކުރާ ޝަކުވާތަކާއި، ބައެއް ލަޝްކަރުތަކުން ދެކުނުގެ ސިފައިން ވަކިކުރަން ވަޒީރު ނިންމެވި ނިންމެވުމާއި މެދު އުފެދުނު ހިތްހަމަނުޖެހުމެވެ. އަދި މީގެ އިތުރުން ސައުދީ އަރަބިއްޔާގައި ހައްޔަރުކޮށްފައި ހުރި ދެކުނަށް ނިސްބަތްވާ ކުރީގެ ދިފާއީ ވަޒީރު މުޙްސިން އައްދާޢިރީ މިނިވަންކުރުމަށް ޕްރެޝަރު ކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.









