ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ހަލުވިކަމާއެކު އުފުލި، ބްރެންޓް ކްރޫޑްގެ އަގު ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ މިދިޔަ ޖުލައި މަހުގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި ބަދަލާއެކު ވޯލް ސްޓްރީޓްގެ ހިއްސާގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
މި ސާޖް ނުވަތަ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކަނޑުމަތީގެ ވަރުގަދަ ހަމަލާތަކެވެ. އެމެރިކާ އަސްކަރިއްޔާއިން އީރާނުގެ 5 ތެޔޮ ޓޭންކަރެއް ގޮއްވާލުމާއި ގުޅިގެން، ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަމާމެދު ވިޔަފާރިވެރިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ އެންމެ މުހިންމު މަގެވެ.
މިދިޔަ އެއް މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އޮގަސްޓް މަހުގެ ކުރީކޮޅު ބްރެންޓް ގެ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 78 އާއި 91 ޑޮލަރާ ދެމެދުގައެވެ. ނަމަވެސް، މެދުއިރުމަތީގައި އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެ، ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ބުރޫއެރުމާއި، ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާތަކުގެ ސަބަބުން ސަޕްލައިއަށް ބޮޑު ނުރައްކަލެއް ކުރިމަތިވިއެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ތެޔޮ ފެސިލިޓީތަކަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ރިޒާވް ވަނީ ބާރަށް ދަށަށް ގޮސްފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން، ވޭތުވެދިޔަ މަހެއްހާ ދުވަހު ތެލުގެ އަގު ގާތްގަނޑަކަށް 14 އިންސައްތަ މައްޗަށް ގޮސް، ބްރެންޓް ކުރޫޑްގެ އަގު ވަނީ ފީފާއަކަށް 101 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ މިދިޔަ ޖުލައި މަހަށްފަހު ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަމައެއާއެކު އެމެރިކާގެ ޑަބްލިޔު.ޓީ.އައި ކުރޫޑްގެ އަގުވެސް ވަނީ ފީފާއަކަށް 96 ޑޮލަރަށްވުރެ މައްޗަށް ޖެހިލާފައެވެ.



