މާލޭގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫއުގެ ދަށުން، އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީ މަސައްކަތްތައް އެއްކޮށް ނިމި، މި ހަފުތާގެ ތެރޭގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސެގްމެންޓް 1 ގައި އޭބީސީ އެޅުމުގެ މަސައްކަތާއި ޕްރައިމް ކޯޓު ސްޕްރޭކުރުމުގެ މަސައްކަތްތައް މިދިޔަ ހަފުތާގައި ވަނީ މުޅިން ނިންމާލާފައެވެ.
އަދި މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގެ އެންމެ މަތީ ފަށަލައިގައި ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު މަރާމާތުކުރުމަށް ހަމަޖެހިފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. މީގެ ތެރެއިން މިވަގުތު ތަރައްގީކުރަމުންދާ ފުރަތަމަ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ، ގާތްގަނޑަކަށް 270 މީޓަރުގެ ސަރަހައްދެކެވެ.
މި މަޝްރޫއަކީ މާލޭގެ މައި މަގުތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.









