ސައުދީ އަރަބިއްޔާގެ މަދީނާއިން މައްކާއަށް ދަތުރުކުރި އުމްރާވެރިން ގޮވައިގެން ދިޔަ ބަހެއް ފުރޮޅާލައި، މިސްރުގެ 2 އުމްރާވެރިން ނިޔާވެ 25 މީހުން ޒަހަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު މައްކާ ކައިރީގައި އޮންނަ އަލް-ޖުމޫމް ސަރަހައްދުގައެވެ. މިސްރުގެ ހާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ފުރޮޅާލި ބަހުގައި އެ ގައުމުގެ 47 އުމްރާވެރިން ދަތުރުކުރިއެވެ.
މި އެކްސިޑެންޓުގައި 25 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން 7 މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް މިސްރުގެ ހާރިޖީ ވުޒާރާއިން ބުނެއެވެ. އަދި ކުދިކުދި އަނިޔާތައް ލިބުނު އެހެން މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އެ މީހުން މިހާރު ވަނީ މައްކާގައި އެ މީހުން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކަށް ބަދަލުކޮށްފައެވެ.
މިސްރުގެ ހާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ނިޔާވި 2 މީހުންގެ ޖަނާޒާގެ ކަންކަމާއި އަނިޔާވި މީހުންގެ ހާލަތު ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ވުޒާރާއިން ދަނީ ވަރަށް ކައިރިން މޮނިޓަރ ކުރަމުންނެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭގޮތުން ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.









