މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް, މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޅ. ނައިފަރުގައި އެރަށުގެ މަސްވެރިންނާއި ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހުއެވެ.
މި ބައްދަލުވުމުގައި މަސްވެރިން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވީ ތެލުގެ އަގު ބޮޑުވުމުގެ މައްސަލައެވެ. މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ އެސްޓީއޯ އަދި އެފްއެސްއެމްއާ ވާހަކަދައްކައިގެން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެއިތުރުން، ސަރުކާރުން މަސްވެރިންގެ ދަފްތަރާ ބެހޭ މަޢުލޫމާތު މަސްވެރިންނާ ހިއްސާކުރިއެވެ. މިގޮތުން ދަފްތަރުވާނެ ގޮތާއި ދަފްތަރުވުމުން ލިބޭނެ ފައިދާތަކުގެ މަޢުލޫމާތު ދެއްވިއެވެ. އަދި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިއު ސިސްޓަމް) ހަރުކުރުމަށް ލޯނު ދޫކުރާ ގޮތުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ވަޒީރު ޝިޔާމްގެ އުފަންރަށް ޅ. ނައިފަރަކީ މަސްވެރި ރަށެކެވެ. އެރަށުގައި ގިނަ ޒުވާނުން މަސްވެރިކަމުގައި ހަރަކާތްތެރިވާއިރު، ގާތްގަނޑަކަށް 25 މަސްދޯނި އޮވެއެވެ.









