އިސްރާއީލްގެ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ލޭއޮހޮރުވުން ބޮޑު ހަމަލާތަކުގައި، މިހަފްތާގެ ތެރޭގައި އެކަނިވެސް މަދުވެގެން 17 މީހުން ޝަހީދުކޮށްލައި، 44 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހަފްތާގެ ތެރޭގައި ޣައްޒާގެ އުތުރާއި ދެކުނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތައް ވަނީ ދީފައެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީގެ އަލް-ރިމާލް އަވަށަށާއި ޚާން ޔޫނިސްގެ ރެފިއުޖީ ކެމްޕުތަކަށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތައް ހިމެނެއެވެ.
މި ހަމަލާތަކުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ރިޕޯޓުކުރެއެވެ. ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ސުންނާފަތިވެފައިވާއިރު، ސިއްހީ ނިޒާމަށް ބާރުބޮޑުވެ ޒަޚަމްވި މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އެހީދޭ ޖަމާއަތްތަކުން ބުނާގޮތުގައި، އިސްރާއީލުން ހިންގަމުންދާ މި އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އިންސާނީ ކާރިސާ ދަނީ ދުވަހުން ދުވަހަށް މާ ނުރައްކާތެރި ދަރަޖައަކަށް ބަދަލުވަމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ގަތުލުއާންމުގައި މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1 ލައްކަ އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހަމާސް އިން ބުނެއެވެ.









