މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި މިވަގުތު އޮތީ ޗައިނާއެވެ. އެގައުމުން މިހާތަނަށް 268,117 ފަތުރުވެރިން (18.7 އިންސައްތަ) ރާއްޖެ އައިސްފައިވެއެވެ. ދެވަނައިގައި 209,815 ފަތުރުވެރިންނާއެކު ރަޝިއާ (14.6 އިންސައްތަ) އޮތްއިރު، ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)، އިޓަލީ، ޖަރުމަނުވިލާތް އަދި އަވަށްޓެރި އިންޑިއާއަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ބޮޑު ހިއްސާއެއް އަދާކުރަމުން އަންނަ މުހިންމު ގައުމުތަކެކެވެ.
ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 97.8 އިންސައްތަ މީހުން އެތެރެވީ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށެވެ. އަދި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ކަމަށްވާ 73.5 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މީގެއިތުރުން 22.1 އިންސައްތަ ފަތުރުވެރިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމަށް އިހްތިޔާރުކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، މާކެޓުތައް ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން "ވިޒިޓް މޯލްޑިވްސް" (އެމްއެމްޕީއާރުސީ) އިން ވަނީ ސެޕްޓެމްބަރު 1 އިން 3 އަށް އިންޑިއާގެ މުމްބާއީގެ ޖިއޯ ވަރލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި 'އައިޓީބީ އިންޑިއާ 2026' ފެއާގައި ބައިވެރިވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ 17 ކޯ-އެގްޒިބިޓަރުންނާއެކު ބައިވެރިވި މި ފެއާގައި، އިންޑިއާގެ މާކެޓަށް އަމާޒުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި ހުރި ފުރުސަތުތައް ވަނީ ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށްފައެވެ.









