އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައި.ސީ.ސީ.ޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ ޝައިހް ޔޫސުފް ހަސަން ހަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އަތުން ލިޔުއްވާފައިވާ ކީރިތި ގުރްއާނުގެ މުސްހަފެއް އެމަނިކުފާނަށް މިއަދު ހަދިޔާކުރައްވައިފިއެވެ.
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރައްވަމުންދާ ޝައިހް ޔޫސުފް ހަލާވީއަކީ އިމާމް މުހައްމަދު ބިން ސުއޫދު އިސްލާމިކް ޔުނިވަރސިޓީން ތައުލީމު ހާސިލުކުރައްވައި، މުގާރަނާ ފިގުހާއި، ބައިނަލްއަގްވާމީ އިންވެސްޓްމަންޓް އަދި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމުގެ ދާއިރާއިން ހާއްސަވެވަޑައިގެންފައިވާ ބޭފުޅެކެވެ. ފްރޭންކްފަޓް، ޖެނީވާ އަދި ލަންޑަންގެ ބައިނަލްއަގްވާމީ ގާނޫނީ ފާރމްތަކުން ގާނޫނީ ތައުލީމު ހާސިލުކުރައްވާފައިވާ ހަލާވީ ވަނީ ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުގައި ވިޔަފާރިތައް އުފައްދަވައި، ގިނަ ކުންފުނިތަކެއްގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ.
މީގެ އިތުރުން، އެކުއަންޓިންގ އެންޑް އޮޑިޓިންގ އޯގަނައިޒޭޝަން ފޯ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް (އޭއޭއޯއައިއެފްއައި) ގެ ބޯޑު އޮފް ޓްރަސްޓީސްގެ މެންބަރުކަމާއި، އިސްލާމިކް ފިގްހު އެކަޑެމީގެ މައި ކައުންސިލް މެންބަރުކަމުގެ އިތުރުން، ސައޫދީ އަރަބިއްޔާގެ އާބިޓްރޭޝަންގެ އެންމެ މަތީ އިދާރާ ކަމަށްވާ ސުއޫދީ ކޮމަރޝަލް އާބިޓްރޭޝަން ސެންޓަރު (އެސްސީސީއޭ) ގެ ބޯޑު މެންބަރުކަންވެސް އެމަނިކުފާނު ދަނީ ފުރައްވަމުންނެވެ.








