މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފއެވެ.
މީސްމީޑިއާގެ ރަސްމީ އެކައުންޓުތައް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މީގެ ތިންދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަކުއްޖަކު ނިޔާވުމާއި، އިމާރާތަކުން އިއްޔެ ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ހަބަރާއެކު މުޅި ގައުމަށް ނުތަނަވަސްކަމާއި ހިތާމަވެރި އިޙްސާސްތަކެއް ކުރުވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ދެމަރުހޫމުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތްތައް މިންވަރުކުރެއްވުން އެދި އެމަނިކުފާނު ދުއާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ އިތުރުން، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން އުޅޭ ގޭގޭގައި، އެފަރާތްތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތައް އަދި އެންމެހައި ފަރުދުން ގުޅިގެން، ހާއްސަ އިސްކަމެއް ދީގެން މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވަރަށް ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްދިނުމަށް އިލްތިމާސްކުރައްވާފައެވެ.









