މާލެ ސިޓީގައި ޚުތުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ޙަފްތާގައި މުރާޖަޢާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ޝެއިޚް އަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެގޮތުން ޒައިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޚުތުބާ ކިތަންމެ މޮޅަސް، ޚުތުބާ ފަރިތަނުކޮށް އައިސް ދެ ބަހުން އެއް ބަހުން ކުށް ކިޔަމުން، ތިނެއް ނޫނީ ހަތަރު ފަހަރުން ފަށަ ފަށައިގެން ޖުމްލަ ކިޔުމަކީ އަޑު އަހަން ތިބޭ ބައެއްގެ ޝައުޤުވެރިކަން ގެއްލި ޚުތުބާގެ އަސަރު ކެނޑި، ދޭން ބޭނުންވާ މެސެޖު ފެއިލްވާ ކަމެއް ކަމަށެވެ.
ޒައިދު ވަނީ ޚުތުބާ ފަރިތަކުުރުމަށް ޚުތުބާ ކިޔުއްވާ ބޭފުޅުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ޚުތުބާއަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި މިންބަރު މަތީގައި ހުންނަވާ އަދާކުރައްވާ ވަޒީފާއަށް ފުރިހަމައަށް ޝައުޤު ބަހައްޓައި އެކަށީގެންވާ ވަރަށް ތައްޔާރުވުމަށް އޭނާ ވަނީ ނަސޭޙަތްތެރިވެފައެވެ.
މީގެ އިތުރުން މިއަދުގެ ހުކުރު ޚުތުބާގެ ލިޔުން ވަރަށް ރަނގަޅުކަމަށްވެސް ޒައިދު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭ ގޮތުން ދެއްވި ރައްދުގައި ޝަހީމް ވިދާޅުވީ ޚުތުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ޙަފްތާގައި މުރާޖަޢާކުރާނެ ކަމަށާއި، ޢިލްމީ ޤާބިލް ހުނަރުވެރި ބޭފުޅުންނަށް ފުރުޞަތު ދިނުމަށް އިސްކަންދެއްވާނެ ކަމަށެވެ.









