ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި، އެ މުއައްސަސާގެ އެހާރާއި މިހާރުގެ އެންމެހައި ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ އަރިސްކުރެއްވީ ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި މުޅި ދުނިޔޭގެ ކުރިމަތީގައިވެސް މި ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ޢަޒުމާއި މި ރޫޙުގައި މި އަމާޒު ޙާޞިލްވާކަން ކަށަވަރުކޮށްދިނުންމަތީ، ފުލުހުންގެ މުއައްސަސާގެ ހުރިހާ ފަރާތްތަކުން އަބަދުމެ ހިންމަތާއި އިހްލާސްތެރިކަމާއެކު ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުގައި އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރެވެއެވެ.









