ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި، ގޭސް، މައުދަންތައް އަދި ދިރުންނެތް އެނޫންވެސް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ 30 އޯގަސްޓް ވީ އާދީއްތަ ދުވަހު ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މި ނިންމެވުމުގެ ދަށުން، ރާއްޖޭގެ ސަރަހައްދުން ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމަށް ފިޝަރީޒް މިނިސްޓަރީއާއި ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ވަނީ ފަށާފައެވެ.
މީގެ އިތުރުން، ކަނޑުއަޑީގެ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދޫކުރުމުގެ އުސޫލުތަކާއި، ފެންނަ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާއަތް ރޭވުންތެރިކަމާއެކު ހިންގާނެ ގޮތުގެ ހާއްސަ ބިލެއް ފަރުމާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ މި ނިންމެވުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގްތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ސީދާ ގައުމަށާއި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފެށިގެންގޮސްފައެވެ.









