މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ކާޑީ ބީ އާއި މޭކަޕް ބްރޭންޑް ހުޑާ ބިއުޓީ ގުޅިގެން މޭކަޕް ކަލެކްޝަނެއް ނެރުމަށް ވަނީ ތައްޔާރުވެފައެވެ.
"އަލްޓްރާ ސުނެޗްޑް" ގެ ނަމުގައި ނެރޭ މި ކަލެކްޝަނަކީ ހުޑާ ބިއުޓީގެ މަގުބޫލު "އީޒީ ބޭކް" ސެޓިންގ ޕައުޑަރ ރޭންޖަށް އިތުރުކުރެވުނު އާ އުފެއްދުމެކެވެ.
މި އާ އުފެއްދުން އިޝްތިހާރުކުރުމަށް ނެރުނު މަޖާ އިޝްތިހާރުގައި، ކާޑީ ބީ އާއި ހުޑާ ކައްޓާން ފެނިގެންދަނީ އެކަކު އަނެކަކުގެ ރޯލު ބަދަލުކޮށްލައިގެން އުޅޭ ތަނެވެ. އަދި މި ކެމްޕޭނުގެ ތެރެއިން ވަގުތީ ގޮތުން ބްރޭންޑުގެ ނަން "ކާޑީ ބިއުޓީ" އަށް ވަނީ ބަދަލުކޮށްފައެވެ.
ފިޔާތޮށި އަދި ލައިލެކް ކުލައިގެ ދެ ޝޭޑެއް ހިމެނޭ 'އަލްޓްރާ ސުނެޗްޑް' ޕައުޑަރަކީ މޫނުމަތި އަލިކޮށް، އޮމާންކޮށް ބެހެއްޓުމަށް ހާއްސަކޮށްގެން އުފައްދާފައިވާ އުފެއްދުމެކެވެ. މި ދެ ކުލަ ވަކިން ނުވަތަ އެއްކޮށްލައިގެންވެސް ބޭނުންކުރެވޭނެއެވެ.
ހުޑާ ބިއުޓީއަކީ ދުނިޔޭގެ އިތުރުން ދިވެހިންގެ މެދުގައިވެސް ނުހަނު މަގުބޫލު އަދި ގިނަ އަދަދެއްގެ ދިވެހިން އާންމުކޮށް ބޭނުންކުރަމުން އަންނަ މޭކަޕް ބްރޭންޑެކެވެ. ހާއްސަކޮށް އެ ބްރޭންޑުގެ "އީޒީ ބޭކް" ރޭންޖަކީ ދިވެހި މޭކަޕް އާޓިސްޓުންނާއި މޭކަޕަށް ޝައުގުވެރިވާ ގިނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ އުފެއްދުމަކަށްވާއިރު، މި އާ ކޮލަބްރޭޝަނާއެކު ނެރޭ "އަލްޓްރާ ސުނެޗްޑް" ކަލެކްޝަނަކީ ދިވެހި މޭކަޕް ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެކެވެ.
މި އުފެއްދުންތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 10 ގައެވެ.



