ޕްރިންސަސް ޑަޔާނާގެ އެންމެ މަޝްހޫރު އެއް ހެދުން ކަމަށްވާ "ރިވެންޖް ޑްރެސް" އަންނަ ޑިސެމްބަރު މަހު ސޮދަބީސް އިން ނީލަން ކިޔަން ނިންމައިފިއެވެ.
ޑަޔާނާ މި ހެދުން އަޅާފައިވަނީ 1994 ވަނަ އަހަރު ލަންޑަންގެ ސަރޕެންޓައިން ގެލަރީގައި ބޭއްވުނު ޗެރިޓީ ހަފުލާއަކަށެވެ. އެއީ އޭރުގެ ފިރިކަލުން ޕްރިންސް ޗާލްސް، އެ ކައިވެންޏަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޓީވީ ޑޮކިއުމެންޓްރީއެއްގައި އާންމުކޮށް އިއުލާންކުރެއްވި ރޭ، އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ކްރިސްޓީނާ ސްޓެމްބޯލިއަން ފަރުމާކޮށްފައިވާ މި ހެދުމުގައި ޑަޔާނާ ފެނިގެންދިޔަ ހިނދު، އެއީ އޭނާގެ ހަޔާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަދި އެންމެ ފާހަގަކޮށްލެވުނު އެއް ވަގުތުކަމަށް ވެގެންދިޔައެވެ.
ސޮދަބީސް އިން ލަފާކުރާ ގޮތުގައި، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި މި ހެދުން 220,000 ޕައުންޑާއި 300,000 ޑޮލަރާ ދެމެގެ އަގެއްގައި ވިކިގެންދާނެއެވެ. 1997 ވަނަ އަހަރު ޑަޔާނާ ޗެރިޓީއަށް ފައިސާ ހޯދަން އެކަމަނާގެ އެހެން ހެދުންތަކާއެކު މި ހެދުން ވިއްކާލި ފަހުން، މިއީ އަލުން މިފަދަ ނީލަމަކަށް ހުށަހެޅޭ ފުރަތަމަ ފަހަރެވެ. އޭރު މި ހެދުން 39,098 ޕައުންޑަށް ގަނެފައިވަނީ ބްރީޖް މެކެންޒީ އާއި އޭނާގެ ފިރިކަލުން ގްރޭމް އެވެ. މި ފަހަރުގެ ނީލަމުގައި މި ހެދުމުގެ އިތުރުން، ޑަޔާނާ ސޮއިކުރައްވާފައިވާ 1997 ވަނަ އަހަރުގެ ނީލަމުގެ ކެޓަލޮގެއް ވެސް ހިމެނޭނެއެވެ.
މި ނީލަމަށް ހެދުން ހުށަހެޅުމުގެ ކުރިން، ސެޕްޓެމްބަރު 18 އިން 24 އަށް ލަންޑަންގައި ހުންނަ ސޮދަބީސްގެ ޝޯރޫމުގައި މި ހެދުން އާންމުންނަށް ދައްކާލާނެއެވެ. އޭގެ ފަހުން ހޮންކޮންގ، ޖެނީވާ އަދި ނިއުޔޯކްގައިވެސް މި ހެދުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ނީލަމުން ލިބޭ ފައިސާގެ ބައެއް، އެންއެޗްއެސް ލޯތިއަން ޗެރިޓީ މެދުވެރިކޮށް ރޯޔަލް އެޑިންބަރގް ހޮސްޕިޓަލަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ.



