މުޅި ދުނިޔެ އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދާ ވީޑިއޯ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީ.ޓީ.އޭ 6) ރިލީޒްވުމާ ގާތްވެފައިވާއިރު، މި ސީރީޒްގެ ފުރަތަމަ ގޭމް އުފެއްދި މޭސްތިރިންނަށްވެސް އަދި މި ގޭމް ކުޅެލުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް އެ ފަރާތްތަކުން ހާމަކޮށްފިއެވެ.
އޮރިޖިނަލް ޖީ.ޓީ.އޭ ގޭމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކޯ-ކްރިއޭޓަރ ޑޭވް ޖޯންސް އާއި، އެ ގޭމްގެ ލިޔުންތެރިޔާ އަދި ޕަބްލިސިޓް ބްރަޔަން ބެގްލޯ ބީ.ބީ.ސީއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ރޮކްސްޓާ ގޭމްސްއިން ތަރައްގީކޮށްފައިވާ އާ ގޭމް އޮތް ގޮތް ބަލާލުމަށް އެމީހުންވެސް ތިބީ އިންތިޒާރުގައި ކަމަށެވެ. އަދި ގޭމް ރިލީޒްވުމާއެކު ކުޅެލުމަށްޓަކައި މިހާރު ގޭމް ޕްރީ-އޯޑަރ ކޮށްފައިވާ ކަމަށް ބްރަޔަން ބެގްލޯ ވަނީ ހާމަކޮށްފައެވެ.
1997 ވަނަ އަހަރު ސްކޮޓްލޭންޑްގެ ސްޓޫޑިއޯއެއް ކަމަށްވާ ޑީ.އެމް.އޭ ޑިޒައިންއިން ނެރުނު ފުރަތަމަ ޖީ.ޓީ.އޭ ގޭމަކީ، ކުޅުންތެރިންނަށް މިނިވަންކަމާއެކު ސިޓީތަކުގައި ދުއްވައި، ކާރުތައް ވަގަށް ނަގައި، އޯޕަން-ވޯލްޑް ތަޖުރިބާއެއް ގެނެސްދިން ގޭމެކެވެ. އެ ގޭމް އެންމެ ފުރަތަމަ ފަރުމާކުރަން ފެށީ "ރޭސް އެންޑް ޗޭސް" ގެ ނަމުގައި ރޭސިންގ ގޭމެއްގެ ގޮތުގައި ނަމަވެސް، ފަހުން ކުށްވެރިންގެ ދިރިއުޅުމަށް ބިނާކޮށް ގޭމް ބަދަލުކޮށްލީއެވެ. ޑޭވް ޖޯންސް ބުނި ގޮތުގައި ފުލުހުންގެ ރޯލު ކުޅުމުގެ ބަދަލުގައި ކުށްވެރިންގެ ރޯލު ކުޅޭ ގޮތަށް ނިންމީ، އޭރުން ގޭމް މާ ބޮޑަށް މަޖާވެފައި ޝައުގުވެރިވާނެ ކަމަށް ގަބޫލުކުރެވޭތީއެވެ.
ފާއިތުވި 30 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖީ.ޓީ.އޭ ވެފައިވަނީ ތާރީހުގައިވެސް އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ އެއް ވީޑިއޯ ގޭމް ސީރީޒަށެވެ. 2013 ވަނަ އަހަރު ނެރުނު ޖީ.ޓީ.އޭ 5 އަށް، ގޭމް ރިލީޒްކުރި ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 1 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބި، މުނިފޫހިފިލުވުމުގެ ދާއިރާއިން ދުނިޔޭގެ ރެކޯޑެއް ގާއިމުކުރިއެވެ.
ކުރިއަށް އޮތް ޖީ.ޓީ.އޭ 6 އަކީ، އޭގެ ކުރީގެ ގޭމަށްވުރެ މާ ފުރިހަމަ އަދި ވިޔަފާރީގެ ގޮތުން މާ ބޮޑު ކާމިޔާބީއެއް ހޯދާނެ ގޭމެއް ކަމަށް ބެލެވެއެވެ. ގޭމިންގ ދާއިރާގެ ބޭރުންވެސް މި ގޭމަށް ބޮޑު ސަމާލުކަމެއް ލިބެމުންދާއިރު، ޕްލޭސްޓޭޝަން އަދި އެކްސްބޮކްސް ޑިޖިޓަލް ސްޓޯރުތަކުގައި މި ގޭމަށް ވަނީ ތާރީހުގައިވެސް ނުދެކޭ ފަދަ ބޮޑު ޕްރީ-އޯޑަރ ތަރުހީބެއް ލިބިފައެވެ.
މި ސީރީޒަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ޖީ.ޓީ.އޭ އަކީ މުޅި ދުނިޔޭގެ ސަގާފީ އޮއިވަރަކަށް ވެ، އެތައް މިލިއަން ބަޔަކު މި ގޭމާ ގުޅިފައިވާތީ އެކަމާ ނުހަނު އުފާކުރާ ކަމަށް އޮރިޖިނަލް ގޭމް އުފެއްދި ފަރާތްތަކުން ބުނެފައިވެއެވެ.




