ދުނިޔޭގެ އެންމެ މަގުބޫލު އެއް ވީޑިއޯ ގޭމް ސީރީޒް ކަމަށްވާ "ގްރޭންޑް ތެފްޓް އޮޓޯ" (ޖީޓީއޭ)ގެ އައު ބައި، ސަޕޯޓަރުން ކުރި 13 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ރަސްމީކޮށް ނެރެފި އެވެ. ރޮކްސްޓާ ގޭމްސްއިން އެމެރިކާގެ ފްލޮރިޑާގެ މާހައުލަށް ބިނާކޮށް އުފައްދާފައިވާ މި ކުޅިވަރު، އެމެރިކާގައި ރަސްމީކޮށް ނެރުމުގެ އެތައް ގަޑިއިރެއް ކުރިން، ބުރާސްފަތިވިލޭރޭގެ މެންދަމާއެކު އެންމެ ފުރަތަމަ މި ވަނީ ނިއުޒީލެންޑުގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.
މި ކުޅިވަރު ޑައުންލޯޑުކުރާ މިންވަރު އިންތިހާއަށް އިތުރުވާނެތީ، އެ ގައުމުގެ އިންޓަރނެޓް ހިދުމަތްދޭ ކުންފުނިތަކުން އޮތީ ދުރާލާ ވަރުގަދައަށް ތައްޔާރުވެފަ އެވެ. ނިއުޒީލެންޑުގެ ކޯރަސް ކުންފުނިން ލަފާކުރާ ގޮތުގައި، ކުޅުންތެރިން މި ގޭމް ޑައުންލޯޑުކުރުމުގެ ސަބަބުން އެ ކުންފުނީގެ ނެޓްވޯކަށް ގާތްގަނޑަކަށް 35 ޕެޓަބައިޓް (35 މިލިއަން ގިގަބައިޓް) ގެ އިތުރު ޓްރެފިކެއް އަންނާނެ އެވެ. އެ ކުންފުނީގެ ނެޓްވޯކް ސްޓްރެޓެޖީ މެނޭޖަރު ކާޓް ރޮޖާސް ބުނީ، މިއީ އާންމު ގޭބިސީއަކުން މުޅި މަހު ބޭނުންކުރާ ޑޭޓާގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރެއް އެއްފަހަރާ ބޭނުންކުރުން ފަދަ ކަމެއް ކަމަށާއި، މި ގޭމްގެ ފައިލް ސައިޒް 212 ގިގަބައިޓްގައި ހުރުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރުގެ ބޮޑު މިންވަރެއް ކަމަށެވެ.
މި ގޭމް ނެރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، ނިއުޒީލެންޑުގެ ވެލިންގްޓަންގައި ދިރިއުޅޭ އެޑަމް ސިމަންސް ބުނީ، އޭނާގެ އާއިލާއަށް އުނދަގޫނުވާނެހެން އަޑުމަޑުކޮށްގެން ކުޅެން ފެށި ކަމަށާއި، ގޭމްގެ ގްރަފިކްސް އަދި ވާހަކަ އިންތިހާއަށް ފުރިހަމަ ކަމަށެވެ. މީގެ އިތުރުން ޑަލަަސްގައި މަސައްކަތްކުރާ ބްރަޔަން ބަނުއެލޯސް ވަނީ މި ގޭމް ކުޅުމަށްޓަކައި ބުރާސްފަތި ދުވަހު ފޯނު ކޯލްތަކަށް ޖަވާބުނުދޭނެ ކަމަށް އިއުލާނުކުރުމުން، އޭނާ ގޭމުގެ ތެރެއަށް "ގެއްލުމުގެ" ކުރިން ގިނަ ބަޔަކު ކާރުތައް ސާފުކުރުވަން އައިސްފައިވާ ކަމަށް ބުނެފަ އެވެ. މި ހުރިހާ ފޯރިއަކާއެކު، ރޮކްސްޓާގެ މައި ކުންފުނި ޓޭކް-ޓޫ އިންޓަރެކްޓިވްގެ ހިއްސާގެ އަގުވެސް ވަނީ ބުދަ ދުވަހު 8 އިންސައްތައަށްވުރެ މައްޗަށް އުފުލިފަ އެވެ.
"ގްރޭންޑް ތެފްޓް އޮޓޯ" ފްރެންޗައިޒަކީ މިހާތަނަށް 470 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާ ކާމިޔާބު އުފެއްދުމެކެވެ. 2013 ގައި ނެރުނު "ޖީޓީއޭ V" އެކަނިވެސް 230 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކި، އެންމެ ތިން ދުވަސް ތެރޭގައި 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއެވެ. މިފަހަރު ރޮކްސްޓާއިން ކުޅުންތެރިން ގެންގޮސްދެނީ މިއާމީގެ މައްޗަށް ބިނާކޮށްފައިވާ "ވައިސް ސިޓީ" އަށެވެ. މިއީ އެ ކުންފުނިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ތަފްސީލީ ދުނިޔެ ކަމަށްވާ "ލިއޮނިޑާ" ގެ ބައެކެވެ. މި ގޭމްގެ މައި ދެ ކެރެކްޓަރަކީ ދާދި ފަހުން ޖަލުން މިނިވަންވި ލޫޝިއާ ކަމީނޯސް އާއި، ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޖޭސަން ޑުވާލް އެވެ. މި ދެމަފިރިންގެ ދިރިއުޅުން ރަނގަޅުކުރަން ކުރާ މަސައްކަތުގެ ތެރެއިން އެމީހުން ވަދެވެނީ ކުށްވެރިންގެ ނުރައްކާތެރި ދުނިޔެއަށެވެ.
މި ކުޅިވަރު ނެރުމުގެ ކުރިން މިއާމީގެ އިދާރާތަކުންނާއި ވިޔަފާރިތަކުން ވަނީ މިއީ ބޮޑު މާކެޓިންގ ފުރުސަތެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ. އެގޮތުން މިއާމީ-ޑޭޑް ކައުންޓީން ރޮކްސްޓާއާއެކު 3.9 މިލިއަން ޑޮލަރުގެ އިޝްތިހާރު އެއްބަސްވުމެއް ހަދައި، އެންބީއޭ ޓީމު މިއާމީ ހީޓްގެ ކޭސޭޔާ ސެންޓަރުގެ މަތީގައި "ވެލްކަމް ޓު ވައިސް ސިޓީ" ގެ ބޮޑު ބޯޑެއް ހަރުކޮށް، ގޭމްގެ ކުލަތައް ކަމަށްވާ ކަޅާއި ފިޔާތޮށި ކުލައިގެ ޖާޒީ ވެސް ވަނީ ބޭނުންކޮށްފައެވެ. ދެކުނު ކޮރެއާގެ ސިއޯލް ފަދަ ދުނިޔޭގެ ބޮޑެތި އެހެން ސިޓީތަކުގައިވެސް ބޮޑެތި އިޝްތިހާރުތައް ދައްކާލާފައިވާއިރު، ކުށްކުރުމާއި ހަތިޔާރުގެ ހަމަލާތައް ދައްކުވައިދޭ ކުޅިވަރެއް އިޝްތިހާރުކުރަން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ މެދު ބައެއް އޮފިޝަލުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑު އިންތިޒާރެއް ކުރެވުނު މި ގޭމްގެ ފުރަތަމަ ޓްރެއިލަރަށް އެކަނިވެސް 24 ގަޑިއިރު ތެރޭގައި 93 މިލިއަން ވިއުސް ލިބުނެވެ. އަދި އާންމުންނާ ހަމައަށް ފޯރުމުގެ ކުރިންވެސް، އަންނަ ޑިސެމްބަރު މަހު ބާއްވާ "ގޭމް އެވޯޑްސް" ގެ އަހަރުގެ އެންމެ މޮޅު ގޭމް ހިމެނޭހެން ޖުމްލަ އަށް ދާއިރާއަކުން މި ގޭމް ވަނީ ނޮމިނޭޓްވެފަ އެވެ. މީގެ އިތުރުން ގޭމްގެ މިއުޒިކް އެލްބަމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ނެރުމަށް ތައްޔާރުވަމުންދާއިރު، މި މިއުޒިކްތައް ފަރުމާކޮށްފައިވަނީ ކުޅުންތެރިޔާ ހުންނަ ތަނަކަށާއި ކުރާ ކަމަކަށް ބަލައި ބަދަލުވާ ގޮތަށެވެ.
ކުޅިވަރު ނެރުނު ނަމަވެސް، މައި ކެރެކްޓަރުންނަށް އަޑުއެޅި ފަންނާނުން ފަދަ މުހިންމު ބައެއް މައުލޫމާތުތައް ރޮކްސްޓާއިން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލިއޮނިޑާގެ ބޮޑު ދުނިޔޭގައި ފޮރުވިފައިވާ ސިއްރުތައް ހޯދުމުގެ ފުރުސަތު މިހާރު ކުޅުންތެރިންނަށް މިވަނީ ހުޅުވިފަ އެވެ.



