ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފިރިހެނުންގެ ދުވަހެވެ. މި ދުވަސް ހާއްސަކޮށްފައިވަނީ މުޖުތަމައުގައްޔާއި އާއިލާގައި ފިރިހެނުން އަދާކުރާ މުހިންމު ދައުރާއި، ވެފައިވާ ގުރުބާނީތަކާއި، ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށެވެ. ނަމަވެސް، މި ދުވަސް ފާހަގަކުރުމަށް ހާއްސަ ކުރެވިފައިވީ ނަމަވެސް، އުފެދޭ މުހިންމު ސުވާލަކީ: ހަގީގަތުގައި ވެސް ފިރިހެނުން މި ދުވަސް ފާހަގަކުރަން ބޭނުންވޭ ހެއްޔެވެ؟
ދުނިޔޭގެ އެހެން ގިނަ ދުވަސްތަކާ ހިލާފަށް، ފިރިހެނުންގެ ދުވަސް ފާއިތުވެގެން ދަނީ ވަރަށް އާދައިގެ، ހަމަހިމޭން ގޮތަކަށެވެ. އަންހެން ކުދިން ނުވަތަ އަންހެންވެރިންގެ ފަރާތުން މާބޮޑު ސަމާލުކަމެއް އަދި ގިނަ ފަހަރަށް ފިރިހެނުން އަމިއްލައަށް ވެސް މި ދުވަހަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. ބައެއް މީހުންނަށް މިއީ ހަމަ އާދައިގެ މަސައްކަތު ދުވަހެކެވެ. އަނެއް ބަޔަކަށް މިފަދަ ދުވަހެއް އޮތްކަން ވެސް އެނގެނީ ސޯޝަލް މީޑިއާގައި މީހަކު ކޮށްލާ ޕޯސްޓަކުންނެވެ.
ދުނިޔޭގެ އަންހެނުންގެ ދުވަސް ކުލަގަދަކޮށް، ތަފާތު ހަރަކާތްތަކާއި މާބޮޑިތަކުން ފާހަގަކުރާއިރު، ފިރިހެނުންގެ ދުވަހަށް ލިބެނީ ވަރަށް ކުޑަ ސަމާލުކަމެކެވެ. އެހެންނަމަވެސް، އޭގެ މާނައަކީ ފިރިހެނުން ބާކީވެފައިވާ ކަމުގެ އިހުސާސް ކުރަނީ ހެއްޔެވެ؟
ހަގީގަތަކީ ގިނަ ފިރިހެނުން މި ދުވަހާ ގުޅިގެން ހަދިޔާއެއް ނުވަތަ ތަހުނިޔާގެ ބަހެއް ބޭނުމެއް ނުވެއެވެ. ބައެއް މީހުންނަށް ކުޑަ މެސެޖަކުން ދުވަހުގެ ތަހުނިޔާ ކިޔާލުމުން ފުދުނު ކަމުގައި ވިޔަސް، އަނެއް ބަޔަކު ދެކޭގޮތުގައި ޖިންސަށް ހާއްސަކޮށްގެން ދުވަހެއް ފާހަގަކުރުމަކީ މާ މުހިންމު ކަމެއް ނޫނެވެ. ދުވަސް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެމީހުންގެ ޒިންމާތައް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. ވަޒީފާއަށް ދިއުމާއި، އާއިލާ ބެލެހެއްޓުމާއި، މާލީ ކަންކަން ހަމަޖެއްސުމުގައި އެމީހުންގެ ދުވަސް ނިމިގެންދަނީ މިފަދަ ދުވަހެއް އޮތްކަން ހަނދާން ވެސް ނެތިއެވެ.
ކުޑައިރުއްސުރެ މުޖުތަމައު ފިރިހެނުންނަށް ދަސްކޮށްދެނީ ހިތްވަރުގަދަ، ކެތްތެރި، އަދި އިހުސާސްތައް ފޮރުވައިގެން ޒިންމާތައް އުފުލާ ބައެއްގެ ގޮތުގައެވެ. އާއިލާގެ ހިމާޔަތްތެރިޔާ އަދި ހުރިހާ ކަމެއް ހައްލުކޮށްދޭ މީހާގެ ދައުރު އަދާކުރަން ޖެހުމުން، އެ ކުރާ ބުރަ މަސައްކަތަށް އެހެން މީހުންގެ ފަރާތުން ތައުރީފާއި ޝުކުރު ލިބުމަކީ ބައެއް ފިރިހެނުންނަށް ވަރަށް ބީރައްޓެހި ކަމެކެވެ. މިއީ ތައުރީފެއް ނުލިބި ޒިންމާ އުފުލަން އާދަވެފައިވުމުން ވާގޮތެއް ހެއްޔެވެ؟ ނުވަތަ އަހަރަކު އެއްދުވަހު ބާއްވާ ހަފުލާއަކަށް ވުރެ، ކޮންމެ ދުވަހެއްގެ އާދައިގެ ކަންކަމުން އެކަން އިހުސާސްވާން އެދޭތީ ވާގޮތެއް ހެއްޔެވެ؟
ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހުގެ އަސްލު މަގުސަދަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކޮށްލުމެއް ނޫނެވެ. މިއީ ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، މުޖުތަމައުގެ ފިއްތުންތަކާއި، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރަންވީ ދުވަހެކެވެ. ފިރިހެނުންނަށް އެމީހުންގެ ބަލިކަށިކަމާއި، ހިތާމަތަކާއި، އިހުސާސްތައް އެއްވެސް ޖެހިލުމެއް ނެތި ހިއްސާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ މި ދުވަހުގެ މުހިންމު ބޭނުމެކެވެ.
ހުރިހާ ފިރިހެނުންނަކީ މާބޮޑެތި ހަދިޔާތަކާއި ޕާޓީތައް ބޭނުންވާނެ ބައެއް ނޫނެވެ. ގިނަ ފިރިހެނުން އެދޭނީ އެމީހުން އާއިލާއަށްޓަކައި ވާ ގުރުބާނީގެ އަގު ވަޒަންކޮށްލުމަށެވެ. ހިތްހަމަޖެހުމާއެކު އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށެވެ. އަދި ބޮޑެތި ބުރަތަކުން ކުޑަ ނަމަވެސް ލުޔެއް ލިބުމަށެވެ.
ދުނިޔޭގެ ފިރިހެނުންގެ ދުވަހަކީ އެހެން އެއްވެސް ދުވަހަކާ ވާދަކުރަން އޮތް ދުވަހެއް ނޫނެވެ. އަދި މިއީ ކޮންމެހެން ކުލަގަދަ ހަފުލާތަކަކުން ފާހަގަކުރަން މަޖުބޫރު ދުވަހެއް ވެސް ނޫނެވެ. މިއީ މުޖުތަމައު ބިނާކުރުމުގައްޔާއި އާއިލާގެ ހިމާޔަތުގައި ފިރިހެނުން އަދާކުރާ ބުރަ ދައުރު ހަނދާންކޮށް، އެމީހުންނަށް ހައްގު ޝުކުރާއި އިހުތިރާމް އަދާކޮށްލަން ލިބޭ އަގުހުރި ފުރުސަތެކެވެ. ފާހަގަކުރިޔަސް ނުކުރިޔަސް، ހުރިހާ ފިރިހެނުންނަށް ވެސް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.



