މަގުމަތީގެ އެކްސިޑެންޓުތަކާއި ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، އެކަންކަން މަދުކުރުމަށްޓަކައި ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ހިނގާ ސަރަޙައްދުތަކާއި ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވާ ތަންތަން ދެނެގަނެ، އެފަދަ ސަރަޙައްދުތަކުގައި ހާދިސާތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޖިނިއަރިންގ، އެންފޯސްމަންޓް އަދި އެޑިއުކޭޝަން، މި ތިން ދާއިރާއިން މަސައްކަތްކުރުމަށް ނިންމާފައި ވެއެވެ.
މީގެ އިތުރުން، ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަވަސްކުރުމުގެ އިތުރުން، ސްކޫލް ސަރަހައްދުތަކާއި، ކަފިހިހުރަސްތަކުގައި ޓްރެފިކް މެނޭޖްކުރުން ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، ދުވާރުމަތީގައާއި ކަންމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމުގެ އިތުރުން، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދެ މުއައްސަސާ ގުޅިގެން ހިންގުމަށް ވަނީ ރޭވިފައި ކަމަށް ފުލުހުން ބުނެއެވެ.








