މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދާ ސެގްމަންޓް 1 އަކީ ފުޑްކޯޓްތަކުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދެވެ. މި ސަރަޙައްދުގެ މަގު އަޑީގެ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމާއި، ސަބްގްރޭޑް އެޅުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ (ABC) ލޭޔަރު އެޅުމަށް ވާންޖެހޭ ތައްޔާރީތަކެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިންޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތުކޮށް ތާރުއެޅުމުގެ އިތުރުން، ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ވެސް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނީ، ސެގްމަންޓް 1 ގައި ތާރުއަޅައި ނިމި އާންމުންނަށް ހުޅުވާލުމަށްފަހު، ސެގްމަންޓް 2 ގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ. ކުންފުނީގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް މި މުޅި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މީގެއިތުރުން، އަމީނީމަގުގެ މަސައްކަތްތަކާ އެކުއެކީގައި، ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މުޅި މަޝްރޫއަކީ 1.79 ކިލޯމީޓަރުގެ ދިގުމިނުގެ މަގެކެވެ. ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެށި މި މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މަގުގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ލުއިފަސޭހަވާނޭހެން އަލުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު މިވަނީ ބާރަށް ފެށިފައެވެ.









