ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް މަގު ހުރަސްކުރާ ފަރާތްތައް ޖޫރިމަނާކުރެވޭ ގޮތަށް ހިމަނައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި ބިލުގެ 46 ވަނަ މާއްދާ އަދި 131 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުތަކުގައިވާ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ހިނގާބިނގާވެ އުޅޭ މީހުން މަގު ބޭނުންކުރާނެ ގަވައިދާއި މިންގަނޑުތައް އެކުލަވައިލުމަކީ ކަމާބެހޭ ވުޒާރާގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން ހަދާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމަކީ:
ދުވާރު ބޭނުންކުރަންޖެހޭ ގޮތްތައް ކަނޑައެޅުން.ދުވާރުގެ ބަދަލުގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ މަގު ބޭނުންކުރެވޭނެ ހާލަތްތައް ބަޔާންކުރުން.ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމާއި މަގުމަތީގެ ސަލާމަތަށްޓަކައި އަމަލުކުރަންޖެހޭ އެންމެހައި އުސޫލުތައް ކަނޑައެޅުން.މީގެއިތުރުން، މި ބިލު ގާނޫނަކަށް ވުމަށްފަހު، އަސްކަރީ ބޭނުންތަކުގައި ދުއްވާ އަސްކަރީ އުޅަނދުފަހަރުގެ މައްޗަށް މި ގާނޫނެއް ނުހިންގާނެއެވެ. ނަމަވެސް، އެފަދަ އުޅަނދުފަހަރުވެސް ދުއްވަންވާނީ އާންމުންނާއި އެހެނިހެން އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ރައީސް މި ބިލު ތަސްދީގުކުރައްވާ މީލާދީ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.









