އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށާއި، އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެ ކަމަށެވެ. އަދި ހުރިހައި ޞާލިޙު އަޅުންނަކީ، ފާފަ ކުރެވޭ މީހުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބޭ ކަމަށާއި ކުށްތަކުން އަހަރެމެން ސަލާމަތްވެގެން ނުވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނެ ނަމަވެސް ހިތާމައަކީ، ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތު ޝައިޠާނާއަށް ދެވޭކަން ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ ފާފަތަކުގެ ސަބަބުން ދީންވެރިވެ އުޅުމުގެ ޤާބިލުކަން އަހަރެމެންގެ ކިބައިގައި ނެތިއްޖެކަމަށް ޝައިޠާނާ ވިސްނައިދޭނެ ކަމަށެވެ.
ޚުތުބާގައި ބުނީ އިންސާނުން ދުނިޔޭގައި އުޅެނީ، މިއަށް ވުރެ މާ މުހިންމު މަޤްޞަދަކަށްޓަކައި ކަމަށާއި އެއީ ހަމައެކަނި ﷲއަށް އަޅުކަންކުރުން ކަމަށެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނަށް ތަބަޢަވާ މީހުންނަކީ މީސްތަކުން ކުރެ އެންމެ ހެޔޮ މީހުން ކަމަށާއި މިއީ ދީނެއްގެ ގޮތުގައި ﷲ ރުހިވޮޑިގެންފައިވާ ހަމައެކަނި ދީން ކަމަށެވެ.
މީގެ އިތުރުން އިސްލާމް ދީނަކީ އުންމަތުގެ ފަޚުރު ކަމަށާއި މި ދީނުގެ ޝަރީޢަތުން ޢިއްޒަތްލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ އިސްލާމް ދީން ކަމަށާއި މި ދީނަކީ ޞައްޙަ ސާފު ޢަޤީދާއެއް އަދި ފުރިހަމަ އީމާންކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ފައެއް ކުރެވުމަކީ، ދީނަށް ލޯބިކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނަށް ނަޞްރުދިނުމާއި، ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫން ކަމަށާއި އެ ކަން އެ މަގުން ހިނގާ ނަމަ، ދީނަށް ނަޞްރުދޭނޭ ބަޔަކު ނުތިބީސް ކަމަށެވެ. އަދި ދީން ޤާއިމުވެ ނުވެސް އޮތީސް ކަމަށް ޚުތުބާގައި ބުންޏެވެ.
"ތިބާ اللَّهއަށް މާތްކޮށް ހިތާށެވެ! اللَّه تَعَالَىގެ ގަދަފަދަ ވައުފަށުގައި ހިފާށެވެ! ފަރުޟު ފަސްނަމާދަށް ރައްކައުތެރިވާށެވެ! ސުންނަތް އަޅުކަންތައް ކުރާށެވެ! ހޯމަ ބުރާސްފަތި އަދި މެދުފޮއި ރޯދަހިފާށެވެ! ތިބާގެ މަންމައަށް ހެޔޮކޮށްހިތާށެވެ! ބައްޕައަށް ކިޔަމަންގަންނާށެވެ! ކީރިތި ޤުރްއާން ކިޔަވާށެވެ! ޤުރްއާނުން މިންވަރެއް ހިތުދަސްކުރެވޭތޯ ބަލާށެވެ! ފައިދާހުރި ދީނީ ދަރުސްތައް އަޑުއަހާށެވެ! ހެޔޮލަފާ މީހުންނާ އެކުވެރިކަން ބާއްވާށެވެ! ފާސިޤުން ދޫކޮށްލާށެވެ! ރޭއަޅުކަންކުރާށެވެ! ދޫރައްކައުތެރި ކުރާށެވެ! ބަސްމަދުކުރާށެވެ! ޖަދަލުކުރުން ދޫކޮށްލައި، ހެޔޮބަސް ބުނާށެވެ! އަޑު މަޑުކުރާށެވެ! ޙައްޤުބަސް އިއްވާށެވެ! ކުޑަކުދީންނަށް އޯގާވެރިވެ، ދުވަސްވީ މީހުންނަށް އިޙްތިރާމުކުރާށެވެ! އަބުރު ރައްކާތެރިކުރާށެވެ! ފާޙިޝުކަންތަކާ ދުރުހެލިވާށެވެ! މެހުމާނުންނަށް ކަމޭހިތާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ! ފަޤީރުންނާއި މިސްކީނުންނަށް އެހީވާށެވެ! ޒަކާތް ނެރެ، ޞަދަޤާތް ދީއުޅޭށެވެ! މަގުގެއްލިފައިވާ މީހުންނަށް އިރުޝާދުދޭށެވެ! އެކުވެރީންނަށް ނަސޭހަތްދޭށެވެ!" ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ދީނަށް ޚިދުމަތްކުރުމަކީ، ބާއްޖަވެރިކަމުގެ އަސާސެއް ކަމަށާއި އެއީ ޙާޖަތްތައް ފުއްދަވައިދެއްވައި، މޮޅިވެރިކަން ފިއްލަވައިދެއްވާނޭ ޢަމަލެއް ކަމަށެވެ. އަދި މި ހިނދުން ފެށިގެން ދީނަށް ޚިދުމަތްކުރާން ފެށުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ޚުތުބާގައި ބުނީ ހެޔޮ ބަހެއް ބުނުމަކީ ވެސް ޞަދަޤާތެއް ކަމަށާއި، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމަކީ ނަޖާވާނޭ ޢަމަލެއް ކަމަށެވެ. އަދި اللَّه ގެ ދީނަށް ދަޢުވަތުދިނުމަކީ، ރަސޫލުންނާއި ނަބިއްޔުންގެ މަންހަޖު ކަމަށާއި ދާއިމީ ގޮތެއްގައި ކުރެވޭ މަދު ޢަމަލު، މެދުކެނޑުމާއެކު ކުރެވޭ ގިނަގުނަ ޢަމަލުތަކަށް ވުރެ ހެޔޮވެގެންވާކަމަށް ޚުތުބާގައި ބުންޏެވެ.









