ވިއެޓްނާމުގައި ކުރިއަށްދާ 73 ވަނަ މިސް ވޯލްޑް މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އުމުރުން 23 އަހަރުގެ މަރިޔަމް އީމާ މުހައްމަދަށް ލިބިއްޖެއެވެ. އީމާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ފެންވަރުގައި ބާއްވާ މި އިވެންޓުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފުރަތަމަ އަންހެން ކުއްޖާއަށެވެ.
ވިލާ ކޮލެޖުގައި ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ އީމާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދީ ރާއްޖޭގައި ބޭއްވުނު "މިސް ވޯލްޑް މޯލްޑިވްސް" ހޮވުމުގެ މަރުހަލާތަކަށް ފަހުގައެވެ.
މި މަރުހަލާތައް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ރަސްމީ ނުވަތަ ގައުމީ އިދާރާއަކުން ނޫނެވެ. މިއީ ރާއްޖޭގައި މޮޑެލް ކުރުމާއި، ފެޝަން ޝޯތައް ބޭއްވުމުގެ އިތުރުން ބައިނަލްއަގުވާމީ މިފަދަ ހަރަކާތްތައް ހިންގާތާ ގިނަ ދުވަސްތަކެއް ވެފައިވާ ހަނީފާ ހިލްމީގެ "ހީ އެންޑް ޝީ މޯލްޑިވްސް" ޖަމްއިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެހެންކަމުން، އީމާ މި މުބާރާތުގައި ބައިވެރިވަނީ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމާއެކު ރަސްމީކޮށް ހޮވާފައިވާ ފަރާތެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް، "މިސް ވޯލްޑް މޯލްޑިވްސް" ގެ މަގާމު ލިބިފައިވާތީ، ވިއެޓްނާމުގައި ކުރިއަށްދާ މި ބައިނަލްއަގުވާމީ މުބާރާތުގެ ސްޓޭޖުގައި އޭނާ ފެނިގެންދާނީ ދިވެހިރާއްޖޭގެ ނަމުގައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން ވާދަކުރާ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އީމާއަށް ލިބިފައިވާއިރު، މިއީ މި މުބާރާތުގެ ދިގު ތާރީޚުގައި ވެސް ރާއްޖޭގެ ބައިވެރިއަކު ފެންނަ ފުރަތަމަ ފަހަރެވެ.



