ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލް ކަމަށްވާ މެޑިކަލް ސައިންސަސް އިންސްޓިޓިއުޓް ގެ ކުޑަކުދިންގެ ވޯޑުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 14 ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ކުޑަކުދިންގެ ނާސަރީގައި ހުރި އެއާކޮންޑިޝަނެއްގެ ކޮމްޕްރެސަރު ގޮވައި، ހިނގި ޝޯޓް ސާކިއުޓެއްގެ ސަބަބުންނެވެ. އެއާއެކު މުޅި ވޯޑުގައި ބޯ ދުންތަކެއް އުފެދި، އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ފެތުރިގެން ގޮސްފައެވެ.
މި ހާދިސާ ހިނގިއިރު އެ ނާސަރީގައި 16 ތުއްތު ކުދިން ތިއްބެވެ. އޭގެ ތެރެއިން 14 ކުދިން ދުމުގެ އަސަރުކޮށްގެންނާއި ފިހިގެން މަރުވެފައިވާއިރު، ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ. އިތުރު އެއް ކުއްޖަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އަލިފާން ރޯވުމާއެކު ސަލާމަތީ ފިޔަވަޅުތައް އަޅަން މަސައްކަތް ކުރި ނަމަވެސް، ކުޑަކުދިންގެ ވޯޑުގައި ހުރި ބައެއް ސާމާނުތަކުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރުން ލަސްވިއެވެ.
ޕާކިސްތާނުގެ ސަރުކާރުން މިހާރު ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރަނގަޅަށް ބެލުމަށްޓަކައި ޚާއްސަ ތަހުގީގެއް ފަށާފައެވެ.









