ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވަރިންޓީގެ މަގާމަށް މިނިސްޓަރުގެ ފެންވަރުގައި އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު އައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރަކީ ދައުލަތަށާއި ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. މީގެއިތުރުން، ތިން ރައީސުލްޖުމްހޫރިއްޔާއެއްގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރުކަން ކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް އެކަމަނާ ވަނީ ކުރައްވާފައެވެ.
އާޒިމާ ޝަކޫރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗްލަރ އޮފް ލޯސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވާފައެވެ. ޤާނޫނީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އާޒިމާއަކީ ވެރިކަން ހިންގުމުގެ ނިޒާމަށާއި، ދުސްތޫރީ އަދި ގާނޫނީ އިސްލާހީ މަސައްކަތްތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި 2004 ވަނަ އަހަރު ސަރުކާރުން ތައާރަފުކުރި އިސްލާހީ އެޖެންޑާ އެކުލަވައިލުމުގައްޔާއި ތަންފީޒުކުރުމުގައިވެސް އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުން، އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ 'ހޯޕް ފޮރ ވިމެން' އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ 'ފާލަން' ޖަމްއިއްޔާ އުފެއްދެވުމުގައި އެކަމަނާ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި އަމިއްލަ ލޯ ފަރމް މެދުވެރިކޮށް، ޖިންސީ އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި (ޕްރޯ ބޯނޯ) ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައިވެސް އެކަމަނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.









