ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލިޓްލް މެއިޑް ދަރިވަރުންނަށް ޢަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ފަޔަރ ސޭފްޓީ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސްކޫލުގައި ކުރިއަށްދިޔަ މި ކުލާހުގައި ލިޓްލް މެއިޑްގެ 26 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަންގެ ތެރެއިން އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކުގެ އިތުރުން، ނުރައްކަލުގެ ހާލަތްތަކުގައި ރައްކާތެރިކަމާއެކު އަލިފާން ނިއްވާނެ ގޮތްތަކުގެ މައުލޫމާތު ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މިފަދަ ފަޔަރ ސޭފްޓީ ކުލާސްތަކަކީ ކުޑަކުދިން ހޭލުންތެރިކުރުވައި، ކުއްލިއަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަމިއްލަ ނަފްސާއި ތަކެތި ރައްކާތެރިކުރާނެ ގޮތް ދަސްކޮށްދިނުމަށް ނުހަނު މުހިންމު ތަމްރީނުތަކެކެވެ. ގޭތެރެއާއި ސްކޫލު މާހައުލުގައި އަލިފާން ރޯވާން މެދުވެރިވާ ކަންކަން ދެނެގަނެ، ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެނގުމަކީ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމަށް ލިބޭ ފުރުސަތެކެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މާލެއާއި އަތޮޅުތަކުގެ ތަފާތު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ގަވާއިދުން ކުރިއަށް ގެންދަމުންނެވެ.









